ޚަބަރު

މަގުތަކަށް ބަލާލުމުން މިއަދު ފެންނަނީ ބިރުވެރި އަދި މާޔޫސް ކުރުވާފަދަ މަންޒަރުތައް- ނައިބު ރައީސް

މާލޭގެ މަގުތަކަށް ބަލާލުމުން މިއަދު ފެންނަނީ ބިރުވެރި އަދި މާޔޫސް ކުރުވާފަދަ މަންޒަރުތައްކަމަށާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހަކު ކާރަކަށް އެރުމަށް މަޑުކޮށްލަންޖެހޭ ވަގުތަކީވެސް ބުރައަކަށްވެ ބަރުގޮނު އަޅާމަންޒަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޓްރެފިކް މޮނީޓަރސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަގުތަކަށް ބަލާލުމުން މިއަދު ފެންނަނީ ބިރުވެރި އަދި މާޔޫސް ކުރުވާފަދަ މަންޒަރުތައްކަމަށެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހަކު ކާރަކަށް އެރުމަށް މަޑުކޮށްލަންޖެހޭ ވަގުތަކީވެސް ބުރައަކަށްވެ ބަރުގޮނު އަޅާ އަޑުގަދަ ކުރުމާއި މަގު ހުރަސްކުރުމަށް އެފަދަ ފަރާތްތަކަށް ފުރުސަތު ނުދީ އުޅަނދުތައް ދުއްވާއިރު ނުރައްކާތެރި އެތައް ޙާދިސާތަކެއް މަގުތަކުގައި ހިނގަމުންދާއިރު އެކަމަށް ސަމާލުކަން ދޭ މިންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުދިންނަށް ސްކޫލް ދުވަސްވަރު މުޖުތަމަޢުގައި ހިނގާކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުވުމަކީ ބަދަލުވަމުންދާ ދުނިޔޭގައި ކުދިންގެ ތަޢުލީމަށް ކޮންމެހެން މުހިއްމުކަމެއްކަމަށެވެ.

މިކަންކަމަށް ބަދަލުގެނައުމަށް ސްކޫލް ދަރިވަރުން މުހިއްމުކަމަށާއި ކުދިންގެ ތަޢުލީމުގެ މުހިއްމު ބަޔަކަށް މުޖުތަމަޢާއި ގުޅުންހުރި މިފަދަ ކަންކަން ހެދުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޓްރެފިކް މޮނީޓަރސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 3 ސްކޫލަކުން ދަރިވަރުންވަނީ މިޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިއީ މިފަދަ 51ވަނަ ޕްރޮގްރާމެވެ. މިހާތަނަށް 36 ސްކޫލަކުން އެއްހާހަށްވުރެ ގިނަ ދަރިވަރުންވަނީ މިޕްރޮގްރާމްގެ ދަށުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close