މުނިފޫހި

ކުރުވާހަކަ: ސިޓީ

ފާތިމަތް ޒައީނާ ޒަހީން

ދެޖިންސު އެއްވެ ނަށަމުން ދިޔަ މާހައުލުގައި ރޮކް މިއުޒިކްގެ އަޑު ގުގުމާލައިފައި ވިއެވެ. ހުދު ކުލައިގެ ބަނޑު ފެންނަ ހޫޑީ އަކާއި ފައިފަލަ މަސގަނޑާ ހަމަޔަށް އަންނަ ކުރު ނޫކުލައިގެ ޒަމާނީ ސޯޓެއްގައި އެއިނީ އަހަންނެވެ. މޭޒުމަތީ ހުރި ވޮޑްކާ ތަށި އެއްފަހަރުން އަނގަޔަށް އޮއްސާލުމަށް ފަހު ވެއިޓަރަށް ބިލް ދިނުމަށް އެދުނީމެވެ. ބިލް ދައްކާލުމަށް ފަހު ތޮއްޖެހިފައިވާ ބާރގެ ތެރެއިން އަހަރެން ނުކުމެ ގެއަށް ދިޔުމަށް މިސްރާބު ޖެހީމެވެ.

މާލޭގެ ޓްރެފިކް ބޮޑު މަގުތަކުން ހިނގަމުން އައިސް ގޭގެ ދޮރުހުޅުވާލާ އެތެރެއަށް ވަނުމާއެކު އާދައިގެ މަތިން އަހަރެންގެ މުސްކުޅި ސުންޕާ ބައްޕަގެ ސުވާލު ގޯނި އޮއްސާލިއެވެ. އަހަރެން ކުރީ ކީއްތޯއެވެ؟ އަހަރެން އެއައީ ކޮންތާކުން ތޯއެވެ؟ އަހަރެން ނައިސްގެން ބައްޕަ ކަންބޮޑު ވި ވާހަކައެވެ. އެހާދަންވަން ދެން އަންހެން ކުދިން ބޭރުގާ އުޅެން ނުވާނެ ވާހަކައެވެ. ބައްޕަ އަހަރެންކައިރީ އެހެން ނޫޅުމަށް އެދި އާދޭސް ކުރަމުން އަހަރެންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ފެށިއެވެ. އަހަރެންގެ ފައިގާ ހިފުމަށް ބައްޕަ އުފުލާލި އަތުގައި ފައިން ޖެހުމަށްފަހު އަހަރެން ބާރުބާރަށް ގޮސް ކޮޓަރީގެ ދޮރު ޖެހީމެވެ.

ގުޅުންހުރި ލިޔުންތައް

އެ ބައްޕަ ގިސްލާ ރޮމުން ދިޔަ އިރު އަހަރެންގެ ހަރު ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އުމުރުން މިހާރު 19 އަހަރު ވެފައި ވާއިރު އުމުރުން 10 އަހަރުގައި އަހަރެންގެ ލޯބިވާ މަންމަ ވޭނާ ކެކުޅުމުގައި ދުނިޔެ ދޫކޮށް ދިޔައީ އަހަރެންގެ ބައްޕަގެ އަތްމަތީ އޮވެއެވެ. އެ ހާދިސާއަށް ފަހު އަހަރެން ބައްޕަ ދެކެ އިންތިހާއަށް ނަފްރަތުކުރަމެވެ. މަންމަ ދުނިޔެދޫކޮށް ދިޔައީ ބައްޕަގެ ސަބަބުންނެވެ. ބައްޕަ އަޅައި ނުލުމުންނެވެ. އެދުވަހު ކުޑަކުޑަ އަހަރެން، އެ މަންމަ ހޮސްޕޓަލަށް ގެންދިޔުމަށް އެދި އާދޭސްކުރި އިރު އެ ބައްޕަޔަށް އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. އަހަންނަށް އަހަރެންގެ މަންމަ ގެއްލުނީ ބައްޕަގެ ފަރުވާ ކުޑަ ކަމުންނެވެ.

އެޚިޔާލު ބޮލަށް ވަނުމުން އަހަރެން އިތުރަށް ރުޅި ގަދަވާން ފެށިއެވެ. ބޮލުގައި އުފެދިފައި ހުރި ދިލަ ރިހުމާއެކު އަހަރެން އަވަހަށް އެނދަށް އަރާ އޮށޯއްވެ ލޯމަރާލީމެވެ. އިސާ ހިތަކު ގިނައިރުތަކެއް ނުވަނީސް އަހަންނަށް ނިދުނެވެ.

ބަންގީގެ މޫރިތި އާޔަތް ތަކުގެ އަޑު އަހަރެންގެ ކަންފަތަށް އެއްވެސް ހުރަހަކާ ނުލައި ފޯރިއެވެ. އަރައިގަން ރުޅީގައި ތެދުވެ ކަންފަތަށް ހެޑްސެޓްޖަހާލާ ލަވައެއް އަޅުވާލަމުން އަނެއްކާވެސް ނިދަން އޮތީ ހިތާ ހިތުން މުދިމާ ދިމާއައް އެއްޗިހި ގޮވަމުންނެވެ. ކީއްކުރަން ގޮވާ ބަންގިއެއް ހެއްޔެވެ. އެހެންމީހުންގެ އަރާމު ނިދި ހަރާބު ކުރަން އުޅޭ މީހެކެވެ. މިހެން އެއްޗިހި ކިޔަނިކޮން އަހަރެން ނިދީގެ ފުން ކަނޑައް ގެނބުނެވެ.

ގަޑިން މެންދުރު 2 ޖަހަނިއްޔެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށް ފަހު އަހަރެން ކޮޓަރިން ބޭރަށް ނުކުތީ ރޭގެ ކަންތަކާ ރުޅިއައިސް ހުރެއެވެ. ނުކުންތަނާ ބައްޕަ އައިސް ނިކަން ލޯބިން އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. ކީއެއްޗަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ‘ބައްޕަގެ ވިޔަފާރި ވިއްކާލައިފިން، މިއުޅެނީ ރަށަށް ބަދަލުވާން’ އެއޮއްވަރަށް ބައްޕަ ވާހަކަދެއްކުމުންވެސް އަހަންނަށް ހަމައެކަނި އިވުނީ މި ޖުމްލައެވެ. އަހަރެން ރުޅިއައިސް ރަތް ވެފާ އަތުގައި އޮތް ޒަމާނީ ފޯނު ހޫރާލީމެވެ.

“ކިހާ ދެރަވެއްޖެ ކަމެއް. އަހަންނަށް ތާކު ހަމަޖެހެވެންޏެއް ނޫން. މިތަނުގަ އަހަރެން ހުންނަން ބޭނުންވީމަ ރަށަށް ދާން، ރަށުގަ ހުންނަ ހިތުން އާދޭސް ކުރި އިރު މިތަނަށް އަންނަން އެހެންނޫނަސް ފަން ޖިފުޑިއެއްގަ އުޅޭކަށް އަހަންނެއް ނުދާނަން ކަލޭ އަހަރެންގެ މަންމަގެ ފުރާނަދަންދެން ބަލަން ހުރީ އެފަސްގަނޑުގަ. އެތަނަށް އަހަރެން ގެންދަން ތިއުޅެނީ؟ އިނގޭތަ ކަލެޔާހުރެ އަހރެންގެ ލޯބި މަންމަ މަރުވީ އަހަންނަށް މަޔެއްގެ ލޯތްބާ ނުލާ ބޮޑުވާން ޖެހުނީ. އެ މަންމަ ލޭގެ ކޯރެއްގައި އޮތް މަންޒަރު ފެނި ސިއްސައިން ގޮސް ދަންވަރަށް ހޭލާ ކަރުނަ އަޅަން ނުނިދިފައިންނަނީ އަހަރެން. އަހަރެންގެ އަމިއްލަ ސޫރަދެކެ އަހަރެން ރުޅި އާދޭ. އެ ރީތި ލިބާސް ލައިގެން އުޅޭ މަންމަގެ މޫނު އަހަރެންގެ އަމިއްލަ ސޫރައިން ފެނޭ. އަހަރެންގެ މަންމަގެ މަރުގެ ސަބަބަށް ދުވާލުދާ ހަތަރު ދަމު ބަލަންޖެހޭ. މިވަރުން އަހަރެން ދުނިޔޭގަ އުޅޭނީ ކިހިނެތް؟”

ހިތައް އައިހާ އެއްޗެއް ގިސްލާރޮމުން ބައްޕަޔާ ދިމާލަށް ގޮވާލުމަށްފަހު އަހަރެން ގެއިން ނުކުމެ ދުއްވައި ގަތީވަކި މަންޒިލެއް ނެތިއެވެ. ފަހަތުން ބައްޕަ އަހަންނަށް ގޮވާ އަޑު އިވުނެވެ. ދެވަނަ ސިކުންތެއްގައި މީހުންގެ ހަޅޭކުގެ އަޑު އިވުނެވެ. އަހަރެން ފަސްއެނބުރި ބަލާލީމެވެ. ހީވީ އަހަރެންގެ މޭގައި ހިފާ މީހަކު ބާރު ކޮށްލީ ހެންނެވެ. ކާރެއްގެ ދަށުވެ ޗަސް ވެފައި އެއޮތީ އަހަރެންގެ ބައްޕަ ނޫން ދެވަނަ އެހެންމީހެއް ނޫނެވެ. ބައްޕާއޭކިޔާ އަހަންނަށް އެ ދިމާލަށް ދުއްވާ ގަނެވުނެވެ. މީހުންތައް އެއްވެ ބައްޕަ ހޮސްޕިޓަލަށް ގެންދިއުމަށް އުޅެގަތެވެ.

އަހަރެންގެ ބައްޕަގެ ފުރާނަ އެދިޔައީ އަހަރެންގެ ކުރިމަތީ ގައެވެ. އަހަންނަށް ކުރާނެ ކަމެއް ނޭނގި ގަބުވެފައި ހުރެވުނެވެ. ބައްޕަގެ ސެކެޓަރީ އަހަރެން އަތަށް ސިޓީ އުރައެއް ލައިދިނެވެ. އެވަގުތު އަހަރެންގެ ސިކުނޑި ހުއްޓިފައި ވީކަހަލައެވެ. ވަށައިގެންވާ އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ބައްޕަގެ ޖަނާޒާގެ ކަންކަން ހަމަޖެހި ނިމިގެން ދިޔައީވެސް އަހަރެން ހިޔާލަށް ގޮސް ގެއްލި ހުސްވެފައި ހުރެވުނީއެވެ. ބައްޕަގެ ގަބުރު ވަޅުލެވިފައިވީ ތަނުގެ ކައިރީ ކުޑަކަކޫޖަހަމުން އަހަންނަށް ތިރިވެވުނެވެ. އަހަންނަށް ގިސްލާ ރޮވެން ފެށުނެވެ. އަހަރެން މީ ކޮންކަހަލަ ދަރިއެއް ހެއްޔެވެ. އެ ބައްޕަގެ ކުށެއް ނެތްއިރު އިންތިހާ ނަފްރަތު ކޮށް ވޭނާ ހިތްދަތިކަން ދިނީއެވެ. އޭރު އަހަންނަށް ލިބުން ސިޓީ އަކީ އަހަރެން ބައްޕަ މީގެ ދެމަސް ކުރިން ލިޔުނު ސިޓީއެކެވެ.

‘ދަރިފުޅު ބައްޕައަށް ނަފުރަތު ކުރަނީ ކީއްވެކަން ބައްޕައަށް އިނގޭ. ދަރިފުޅު ކަނު އަނދިރީގައި ބަހައްޓަން ބައްޕަ ދެން ބޭނުމެއް ނޫން. ދަރިފުޅާ ޝިއުރީ، ދަރިފުޅު އުފަންވީ ނުކުޅެދުންތެރި ކަމުގެ ހާލުގަ. ދަރފުޅުގެ އެއް ކިޑްނީ މަދު، ދަރިފުޅުގެ މަންމަ ދަރިފުޅަށް ޓަކައި އެ މަންމަގެ އެއް ކިޑްނީ ހަދިޔާ ކުރި، އެހެނަސް ދަރިފުޅުގެ އަނެއް ކިޑްނީވެސް ފެއިލްވި. އެމަންމަ ބޭނުންވީ ދަރިފުޅަށް އެ މަންމަގެ ދެވަނަ ކިޑްނީވެސް ދޭން. އެހެނަސް ބައްޕަ އެކަމަށް ހުރަސް އެޅިން އަދި ބައްޕަގެ އެއް ކިޑްނީ ދަރިފުޅަށް ހިބައިން ދިނިން. ދަރިފުޅަކީ ސިއްހަތު ރނގަޅު ކުއްޖެއްގެ ގޮތުގައި ބޮޑު ކުރުމަށް ބޭނުން ވީތީ. މިކަމުގެ ސަބަބުން ދަރިފުޅުގެ މަންމަގެ އެތެރެ ހަށީގާ މައްސަލަ ތަކެއް އުފެދުން. މަޑު މަޑުން ގުނަވަންތައް ފެއިލް ވާން ފެށި. އެތައް ހާސް ޑަކްޓަރުންނަށް މަންމަ ދެއްކިން. ލިބުނީއެއްޖަވާބެއް. މަންމައަށް ޝިފާއެއް ނެތްވާހަކަ. މި ބައްޕަގެ ހިތް ކުދިކުދިވި ދަރިފުޅު މަންމައެއްގެ ލޯތްބާ ނުލާ ބޮޑު ވާން ޖެހޭކަން އިނގުމުން. ދަރިފުޅާ ބައްޕައަށް މާފުކުރޭ. ބައްޕަގެ ހުރި ހަމައެކަނި މީހަކީ ތީ. ދަރިފުޅުގެ މައްޗަށް މި ބައްޕަގެ ހިތް އަބަދުވެސް ސާފު ވާނެ. ޝިއުރީ ބައްޕައަށް މާފްކުރޭ. އިންތިހާ ލޯބިވަން ބައްޕަ”

އަހަންނަށް މި ކުރެވުނީ ކީއްހެއްޔެވެ. އަހަރެންގެ ބޯމައްޗައް އުޑު ވެއްޓުނު ކަހަލައެވެ. ދުނިޔޭން އެކަނިވެރި ވިއްޔެވެ. ޔަތީމެއް ކަމުގައި ވިއްޔެވެ. އަހަރެންގެ ސުންޕާ ކަމުންނެވެ.

ނިމުނީ

އެއް ކޮމެންޓް

  1. ވަރަށް އަސަރުގަދަ ވާހަކައެއް . އެކަމަކު މިވާހަކަ ފެށިގެން އައިގޮތުން ހީވަނީ މިވާހަކައިގާ ހުރީ ވަރަށް ނާތަހުޒީބު ބޭއަދަބީ ބަސްކޮށާރެއް ހެން . އެނީވޭ ކީޕް އިޓް އަޕް . ގައީސް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close