މަސައްކަތް ތެރިން ހައްޤު ހޯދުމަށް މޭޑޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ
މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މަސައްކަތް ތެރިން ދުވަހު ޚާއްސަ އެއްވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަން އިންތިޒާމު ކުރަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަނުންނެވެ. މި އެއްވުމާއި ގުޅޭގޮތުން މައުރޫފް ވިދާޅުވީ މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށާއި، މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށްޓަކައި ލިބޭ އެންމެ ފަހި ފުރުސަތަކީ މަސައްކަތް ތެރިންގެ ދުވަސް (މޭޑެ) ކަމަށެވެ.
މިއަހަރުގެ މޭޑޭގައިވެސް މާލޭގައި ރަސްފަންނު ހިމެނޭ ސަރަހައްދުން ހެންވޭރު ކާނިވާ ސަރަހައްދާއި ހަމައަށް އަޑު އުފުލުމުގެ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިހިނގާލުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި މަސައްކަތްތެރިންނާއި، ބިދޭސީ މަސައްކަތްތެރީންވެސް ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ. އަދި މިއީ މަސައްކަތް ތެރީން އެމީހުންގެ އަޑު އުފުލުމަށް ބާއްވާ ސުލްހަވެރި ހަރަކާތެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
މީގެ ކުރިންވެސް މާލޭގައި މޭޑޭ ފާހަގަ ކުރުމަށް ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ. މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށް ބޭއްވި މިއެއްވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއެވެ.

