ބަންގިގޮވާމީހާ ރޯދަވީއްލާނީ ބަންގި ގޮވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ؟
ބަންގިގޮވާމީހާ ދަންނައެވެ. ބަޔަކު އެބައިމީހުންގެ ރޯދަވީއްލުމަށްޓަކައި އޭނާގެ ބަންގިއަށް އިންތިޒާރުކުރާނަމަ، ފަހެ އޭނާ ބަންގި ދިނުން އަވަސްކުރަންޖެހޭނެއެވެ. މީސްތަކުން ރޯދަ ވީއްލުން ފަސްކުރުމުގެ ސަބަބަކަށް އޭނާ ނުވުމަށްޓަކައެވެ.
އެހެނީ، އެގޮތަށް ފަސްވެގެން ދިޔުމަކީ ސުންނަތާ ޚިލާފު ގޮތެކެވެ. ބަންގިގޮވާ މީހާ ރޯދަވީއްލަނީ ވަރަށް ކުޑަގޮތަކަށްނަމަ، މިސާލަކަށް ފެން ފޮދެއް ބޯލައިގެން، އެކަމުގެ ސަބަބުން ބަންގިއަށް ލަސްކަމެއް ނާންނާނެއެވެ. އެ ޙާލަތުގައި އެގޮތަށް ކުޑަގޮތަކަށް ރޯދަ ވީއްލާލައިގެން ބަންގި ގޮވުމަކުން މައްސަލައެއް ނެތެވެ.
ބަންގިގޮވާ މީހާ ބަންގި ގޮވަނީ، ބަންގި އަޑުއަހާނޭ ބަޔަކު ނެތް ތަނެއްގައިކަމުގައިވާނަމަ، މިސާލަކަށް ސަހަރާތެރޭގައި އެކަނި ނަމާދުކުރާ މީހަކު ގޮވާ ބަންގި، ނުވަތަ އޭނާ ބަންގި ދެނީ އޭނާ ކައިރީގައި ތިބި ބަޔަކަށް ކަމުގައިވާނަމަ (މިސާލަކަށް ދަތުރުކުރަމުންދާ ބަޔަކަށް)، އެހާލަތުގައި ރޯދަ ވީއްލާފައި ބަންގި ގޮވުމަކުން އެއްވެސް މައްސަލައެއް ނެތެވެ.
އެހެނީ، އޭނާ ބަންގި ނުދިން ކަމުގައިވިޔަސް އޭނާއާއެކުގައި ތިބި މީހުން އޭނާއާއެކު ރޯދަ ވީއްލާނެތީއެވެ. އެމީހުން އޭނާގެ ބަންގިއަށް އިންތިޒާރެއް ނުކުރާނެއެވެ.
ވަﷲ އަޢުލަމު
ޖަވާބު ދެއްވީ : އައްޝައިޚް މުޙައްމަދު ޝާފިޢު


