ދީން

ރަމަޟާން މަހަކީ ކެތްތެރިކަން ދަސްކޮށްދޭ މަހެކެވެ.

އަހަރެއްގައި އެކުލެވޭ 12 މަހުގެ ތެރެއިން ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަކީ ކެތްތެރިކަން ދަސްކޮށްދޭ މަހެކެވެ.

އެމަހުގައި ކެތްތެރިވާންޖެހޭ ކަންތައްތަކެއް ރޯދަވެރިޔާ އާ ކުރިމަތިވެއެވެ. އޭނާ ހިފަހައްޓާ ކޮންޓްރޯލް ކުރަންޖެހެނީ އޭނާގެ އެދުންވެރިކަމުގައި ހިމެނޭ އެންމެ ބާރުގަދަ އެދުންތަކެވެ. ކެއުމާއި ބުއިމާއި ޖިންސީ ޝަހުވަތެވެ. އަދި އޭގެ އިތުރުންވެސް މީހާއަށް ނުބައިމަގަށް ފަހިކޮށްދޭ، ނަފްސުގައި އުފެދޭ ޖަޒްބާތީ ބާރުތަކެވެ. އޭގެ ތެރޭގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި ބަދަލުހިފުމާއި އަނިޔާވެރިވުމާއި ކިބުރުވެރިވުމާއި އަރައިރުންވުމާއި ހަސަދަވެރިވުމާއި ނަފްރަތްތެރިކަމާއި އެހެންމީހުންނާއި މެދު ހަރުކަށިކަން ދެއްކުމާއި ތަޅާފޮޅުން ފަދަ ނޭއްގާނީ ޢަމަލުތައް ކޮންޓްރޯލުކުރުން ހުއްޓެވެ.

ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الصِّيَامُ جُنَّةٌ فَلاَ يَرْفُثْ وَلاَ يَـصْخَبْ وَإِنْ امْرُءٌ قَاتَلَهُ أَوْ شَاتَـمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ)) މާނައީ: [ރޯދައަކީ ކަންކަމުން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ފަހެ ރޯދަވެރިޔާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާހުށިކަމެވެ. އަދި އަރައިރުންވެ ޒުވާބު ނުކުރާހުށިކަމެވެ. އަދި މީހަކު އޭނާއާ ތަޅާފޮޅައިފިނަމަ ނުވަތަ އޭނާއަށް އެއްޗެތި ގޮވައިފިނަމަ ފަހެ އެމީހަކަށް ތިމަންނާ މިހިރީ ރޯދައަށޭ ދެފަހަރަށް ރޯދަވެރިޔާ ބުނާހުށިކަމެވެ.]

އެފަދައިން ތަކުރާރުކޮށް ބުނަން އޮތުމުން ދޭހަވަނީ ރޯދަވެރިޔާ އެފަދަ އެއްވެސް ނުބައިކަމެއް ނުކުރާނޭ ކަމުގެ ޔަޤީންކަން އަނެކާއަށް ދިނުމެވެ. އަދި އެފަދަ ކަމެއް ކުރާމީހަކާއި ދެކޮޅަށް އެފަދަ ވިޔާނުދާ ކަމަކައިގެން ރޯދަވެރިޔާ ނުނިކުންނާނޭ ކަމެވެ. ރޯދަވެރިޔާ ތަކުރާރުކޮށް އެބުނަނީ ރޯދައަކީ އެފަދަ ކަންކަން މަނާކުރާ ކަމެއްކަމެވެ. އަދި އެފަދަ ނުބައި ނޭއްގާނީ އެއްވެސް ކަމެއް ނުކުރާނޭ ކަމުގެ ކަށަވަރުކަމެވެ. އަދި ރޯދަވެރިޔާ އެއެންމެހައި ކަމަކަށް ނުހަނު ބޮޑަށް ކެތްތެރިވާނޭ ކަމެވެ.

ނިކަން ތަޞައްވުރު ކޮށްލުން ހުއްޓެވެ. މިހާވަރަށް އިންސާނަކު ކެތްތެރިވެވޭނޭ ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މިއީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ނަމަވެސް ރޯދަމަހުގައި ކޮންމެވެސް ވަރަކަށް ފަސޭހަކަން ލިބިފައިވާނެއެވެ.

ކޮންމެއަކަސް މިކަމުން އަންގައިދެނީ ރޯދަވެރިޔާ ކެތްތެރިވާވަރެވެ. ކެތްތެރިކަމަކީ އެކަމުގެ ޘަވާބާއި ދަރުމަ ވަރަށްވެސް މަތިވެރިކޮށް ލިބޭ ޢަމަލެކެވެ. އޭގެ ޢަދަދު ނޭނގޭ ވަރުގެ ގިނަގުނަ ޘަވާބު ކެތްތެރިކަމުން ލިބެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾الزمر :10 މާނައީ: [ހަމަކަށަވަރުންވެސް ކެތްތެރީނަށް އަޖުރު ދެއްވެނީ އެއްވެސް ހިސާބެއް ނެތިއެވެ.]

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close