ރިޕޯޓް

މާލޭގައި ޓެކްސީ ހޯދުން “ވޭނަކަށް”

މާލެސިޓީގައި ދަތުރެއް ކޮށްލުމަށް ޓެކްސީއެއް ހޯދުމަށް މިހާރުވަނީ ވަރަށް ބޮޑު “ވޭނަކަށް” ވެގެން ގޮސްފައެވެ. ޚާއްޞަކޮށް މާލޭ ތެރޭގެ ދަތުރުތަކަށް ޓެކްސީއެއް މިހާރު ހޯދުމަކީ ހަމަގައިމުވެސް ބޮޑު “ވޭނެކެވެ.”

ޓެކްސީ ހޯދުމަށް ޚާއްޞަކުރެވިފައިވާ އެޕްލިކޭޝަންތަކުންވެސް މާލެ ތެރޭގެ ދަތުރެއް ހޯދުމަށް ޖަހައިފިނަމަ ދަތުރު ނަގާނެ ޓެކްސީ ޑްރައިވަރަކު ނުވެއެވެ. އަދި ހަމައެހެންމެ ޓެކްސީ ސެންޓަރަކަށް ގުޅައިގެންވެސް މާލެ ތެރޭގެ ދަތުރަކަށް ޓެކްސީއެއް ހޯދަން އުޅެފިނަމަ އޮންނަނީ ލިބޭގޮތް ނުވެފައެވެ.

އެހެންނަމަވެސް ހުޅުމާލެ، ނުވަތަ އެއާރޕޯޓަށްދާން ވެގެން އަވަސް ރައިޑް އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީއެއް ހޯދަން ޖަހައިފިނަމަ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޓެކްސީ ލިބިގެންދެއެވެ. ޕްރައިވެޓް ކާރުގައި ޓެކްސީ ކުރައްވާ ފަރާތްތަކުންވެސް ތިބެނީ އެފަދަ އޯޑަރަކަށް ބަލަބަލާ ކެތްމަދުވެފައެވެ.

ނާރެސްއަށް މަޢުލޫމާތު ދެމުން މާލޭގައި ދިރިއުޅޭ ރައްޔިތަކު ބުނީ ގެއިން ހޮސްޕިޓަލަށްދާން ޖެހިޔަސް ޓެކްސީ އެއް ނުލިބޭކަމަށާއި ޓެކްސީ ސެންޓަރަށް ގުޅައިގެން ޓެކްސީއެއް ނުލިބޭ ކަމަށާއި އެޕް ބޭނުންކޮށްގެން މާލެ ތެރޭ ދަތުރަކަށް ވިއްޔާ ޓެކްސީ ނުލިބޭކަމަށެވެ. އަދި އެވަރަކުންވެސް ފުދުނީކީ ނޫނެވެ. މާލޭގެ މަޖީދީ މަގަށްނުކުމެ އަތްނަގައިގެންވެސް މިހާރު ޓެކްސީއެއް ހޯދުމަކީ ވަރަށްވެސް އުނދަގޫ ކަމަކަށްވަނީ ވެފައެވެ.

މިކަމާއި ގުޅިގެން އާއްމުންގެ އެތައް ޝަކުވާތައް ސޯޝަލްމީޑިޔާގައިވެސް ދަނީ ދައުރުވަމުންނެވެ.

މިފަދަ ޝަކުވާތަކަށް އިޖާބަ ދިނުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މާލޭގެ ދަތުރުތައް ކުރުމަށް ބައެއް ޓެކްސީ ސެންޓަރުތަކުން ދެކޮޅުހަދާކަމަށްބުނެ ޝަކުވާ ލިބޭ ކަމަށާއި އެފަދަ ޝަކުވާތައް މިނިސްޓްރީއަށް ރަސްމީކޮށް ހުށަހަޅަން އެދޭކަމަށެވެ. އެގޮތުން އެ މިނިސްޓްރީންވަނީ އެކަމަށް ޚާއްޞަކޮށްގެން ވައިބަރ ނަންބަރެއް ތަޢާރަފުކޮށްފައެވެ.

އެފަދަ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު، 7943434 މެދުވެރިކޮށް، ވައިބަރ މެސެޖުން މިނިސްޓްރީއަށް ޙިއްސާކުރުމަށްވެސް ވަނީ އަންގާފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close