ޚަބަރު

މޫނުބުރުގާ އެޅުމަކީ މަސައްކަތް ކުރަން ހުރަހަކަށް ވެގެން ނުވާނެ: އެމްއެންޕީ

މޫނު ބުރުގާ އެޅުމަކީ ޓީޗަރުން މަސައްކަތް ކުރުމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއްކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވީނަމަވެސް މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއް ކަމަށް ދެކޭ ރައްޔިތުން ދިވެހިރާއްޖޭގައި ދިރިއުޅޭ ކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

އެހެންކަމުން މޫނު ބުރުގާ އެޅުމަކީ އެކަން ކުރާ ބަޔަކަށް ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް އެމްއެންޕީން ނުދެކޭ ކަމަށް ބުންޏެވެ. އަދި އެ ޕާޓީން ޤަބޫލުކުރާ ގޮތުގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެކަމަށްވެސް އެމްއެންޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނީ މިފަދަ ކަމެއް މަނާކޮށް އެއްވެސް މީހެއްގެ ހައްގެއް ހިފަހައްޓާނަމަ އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close