އައި.ޖީ.އެމް.އެޗް ގެ ލެބޯޓްރީ އޯޕީޑީ ޚިދުމަތައް ބަދަލު ގެނެސް އާއްމު ސާޖަރީތައްވެސް މެދުކަނޑާލައިފި
ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުންދާތީވެ އައި.ޖީ.އެމް.އެޗް ގެ ލެބޯޓްރީ އޯޕީޑީ ޚިދުމަތައް ބަދަލު ގެނެސްފިއެވެ.
އިއްޔެ އެ ހޮސްޕިޓަލުގެ ފަރާތުން ޢާންމުކުރި ބަޔާނުގައިވާ ގޮތުން 22 ޖަނަވަރީން ފެށިގެން 29 ޖަނަވަރީގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީން ލޭ ނެގުމުގެ ޚިދުމަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 – 12:00 ގެ ނިޔަލަށެވެ.
މީގެ އިތުރުން ދުވާލަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 200 ނަންބަރު ކަމަށާއި އެއީ، އޮންލައިންކޮށް 100 ނަންބަރާއި އަދި ހޮސްޕިޓަލުން ދޫކުރާ 100 ނަންބަރު ކަމަށެވެ.
އިއްޔެ އެހޮސްޕިޓަލުން ނެރުނު އިތުރު ދެންނެވުމެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ މިހާރު ޙާލަތާއިގުޅިގެން ދުރާލާ ރޭވިގެން ކުރެވޭ އާއްމު ސާޖަރީތައް 22 ޖަނަވަރީން ފެށިގެން ކުރިޔަށް އޮތް 2 ހަފްތާއަށް މެދުކަނޑާ ލެވިގެންދާނެކަމަށެވެ. އަދި އެ ޚިދުމަތް ދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެކަމަށާއި ކޮވިޑްގެ ޙާލަތާއި ގުޅިގެން ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ޑައުންގުރޭޑް ކުރެވިގެންދާނެ ކަމަށެވެ.
ޢާއްމު ޙާލަތުގައިވެސް ޚިދުމަތް ލިބިގަންނަން އުނދަގޫވެފައިވާ އައި.ޖީ.އެމް.އެޗުން މި ގެނައި ބަދަލާއިއެކު އިތުރު ތަކުލީފުތައް ޢާއްމުންނަށް ޖެހިގެންދާނެއެވެ.



