“އިންޑިއާ-އައުޓް” ކެމްޕެއިނާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ނޫސްބަޔާނެއް ނެރެފި
އިދިކޮޅު ސިޔާސީ ފަރާތްތަކުން، ޚާއްޞަކޮށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ އެކިހިސާބުތަކުގައި ކުރިއަށް ގެންދާ “އިންޑިއާ-އައުޓް” ކެމްޕެއިނާއި ގުޅިގެން އެޑިޔުކޭޝަންމިނިސްޓްރީން ނޫސްބަޔާނެއް ނެރެފިއެވެ.
މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ “އިންޑިއާ-އައުޓް” ޙަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެއިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން މިވަނީ އިތުރުވެފައިވާ ކަމަށް އެބަޔާނުގައިވެއެވެ.
އެގޮތުން، ވޭތުވެދިޔަ ހަފްތާ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ށ.އަތޮޅުގައި ކުރިއަށް ގެންދިޔަ ބައެއް ރެލީތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަޙައްދުގައި ހަރުކޮށްފައިވެއެވެ. އަދި، ށ.ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުންގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއްނުވެ، ށ.އަތޮޅު މަދުރަސާގެ (ށ.ފުނަދޫ) ފާރުގެ ބޭރުގައިމިވަނީ “އިންޑިއަން-އައުޓް” މި މޭރުމުން ލިޔެފައެވެ. މި ޢިބާރާތްތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެރައްޔިތުންނަށްކަން ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓިޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށްވެފައި ސްކޫލް ސަރަޙައްދުތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީބިރުވެރިކަން އުފެދިފައިކަމަށާއި، އަދި އެފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެފަރާތްތަކުން ސްކޫލްތަކުގައި އެދެމުންދާކަމަށްވެސް މިއަދު ނެރެފައިވާ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރައްވާ އިންޑިއާ ޓީޗަރުންނަކީ އެފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުންގަންނައިދިނުމުގެ ޚިދުމަތުގައި ޒަމާނުއްސުރެން ޚިދުމަތް ކުރަމުންދާ ބައެކެވެ. ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައިވުމާއި، އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ފަރާތްތަކަށްވުމުން، މިފަދަ ޢަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.
ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުންގަންނައި ދިނުމަށްއޭގެ ނުރަނގަޅު އަސަރު ފޯރަމުންދިއުމަކީ އެ މިނިސްޓްރީން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށާއި، އަދި އެފަދަ ޢަމަލުތައް ކުރާފަރާތްތަކާއި، އެފަދަކަންކަމުގައި ބައިވެރިވެ ހިއްވަރުދޭ ފަރާތްތަކުގެ ޢަމަލުތައް އެ މިނިސްޓްރީން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރާކަމަށްވެސް އެބަޔާނުގައި ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުއްވާފައިވާ ބަޔާން ނިންމާލައްވަމުން ބުނެފައިވަނީ މި ފުރުޞަތުގައިވެސްރާއްޖޭގެ ސްކޫލް މަދުރަސާތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ޚާއްސަ އިސްކަމެއްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.




ށ އަތޮޅު މަދަރުސާ އިނާނީ. ށ ކަނޑިތީމުގަ މީއަޅެ މަރުމޯލެއްތަ