ޚަބަރު

ޗުއްޓީގައި ތިބި ޓީޗަރުންނާއި ދަރިވަރުން އަވަހަށް ރަށަށް ދިއުމަށް އެދިއްޖެ

ޗުއްޓީގައި ރަށުން ބޭރުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އަވަހަށް ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަންދޭ ކަން ކަމަށާއި ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިނިސްޓްރީން މިގޮތައް އެދި ބަޔާނެއް ނެރެފައިވަނީ މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ޓެސްޓް ކުރެވޭ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ރޭވަނީ، ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާތާ 14 ދުވަސް ވެފައިވާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރުނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް އަންގައިފައެވެ.

މިނިންމުމާ ގުޅިގެން، މިވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި މިވަގުތު ތިބި ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރައްވާ ވީ އެންމެ އަވަހަކަށް ރަށަށް ދިއުމަށް އެޑިއުކޭޝަނުން ވަނީ ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން ވަނީ އެދިފައެވެ.

ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމުން ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ. މިއާއިއެކު ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ބަދަލު ގެނެސްފައެވެ.

ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ރަށްރަަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށާއި ނުވަތަ ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ވެސް ހުރެވޭނެކަމަށް ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close