ރާއްޖެއަށް ލިބޭ ހުރިހާ ހައްޖުކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފި

ދިވެހިރާއްޖެއިން ހައްޖަށް މީހުންގެންދިއުމަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް އެއްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލުހުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވަނީ ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ނިންމި ކަންކަން ހާމަކުރައްވަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ހައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިއުމަސް ނަންނޯޓްކޮސްފައިވާ ފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދާތީ އާއި، ހައްޖު ކޯޕަރޭޝަންގައި ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ރަޖިސްޓްރީވެފައި ވާތީ ކަމަށެވެ.
ވަޒީރުންގެ މަޖިލިހުން މިއަދު މިފަދައިން ނިންމާފައިވާއިރު ، ހައްޖު ކޯޓާގެ ގޮތުގައި ސައުދީން ރާއްޖެއަށް ދެނީ އަހަރަކު 1،000 ކޯޓާ އެވެ. މި ކޯޓާތަކުގެ ބޮޑު ބައެއް ހައްޖު ކޯޕަރޭޝަނަށް ނެގުމަށް ފަހު އަމިއްލަ ގްރޫޕްތަކަށް ކޯޓާތައް ބަހާލައެވެ. މިގޮތައް ކޯޓާތައް ބަހާލުމުން އަމިއްލަ ކުންފުނިތަކުން އިތުރަށް ފައިސާ ނަގާކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
ރާއްޖެއަށް މިހާރު ލިބެމުންދާ ޙައްޖު ކޯޓާގެ 1000 ޖާގަ 2000 ޖާގައަށް އިތުރުކޮސް ބަދަލު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

