ލިވަޕޫލާއި ޓޮޓެންހަމް މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި ޓޮޓެންހަމް މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
ތިން ވަަނަ ޑިވިޝަނުގެ ޝްރޫސްބަރީ ޓައުން އަތުން ލިވަޕޫލް އަމިއްލަ ދަނޑުގައި ފަހަތުން އަރައި މޮޅުވީ 4-1 އިންނެވެ. ޓޮޓެންހަމް ވެސް ދެ ވަނަ ހާފުގެ ގޯލުތަކާ އެކު ތިން ވަނަ ޑިވިޝަނުގެ މޯކޭމްބް ބަލިކުރީ ފަަހަތުން އަރައި 3-1 އިންނެވެ.
ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު ލިބުނު ހިތްހަމަޖެހުމަކީ ވަގުތު އޮއްވައި ކޮވިޑުން ރަނގަޅުވެ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕަށް ޓީމަށް އިރުޝާދުދޭން ބެންޗަށް އާދެވުމެވެ. އެެހެން ނަމަވެސް މެޗުގައި ލީޑުނެގީ ޝްރޫސްބަރީންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ޝްރޫސްބަރީގެ ޑެނިއަލް އޫޑޯ ލިވަޕޫލް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ގޯލު ޖެހި އެވެ.
އޭގެ އަށް މިނިޓް ފަހުން ޝްރޫސްބަރީ އޭރިއާތެރެއިން ލިބުނު ބޯޅަ ލިވަޕޫލްގެ 17 އަހަރުގެ ފޯވާޑް ކައިޑޭ ގޯޑަން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބީނިއޯ ޖެހި ޕެނަލްޓީން ލިވަޕޫލް ލީޑުނެގި އެވެ. މިއީ ޝްރޫސްބަރީގެ ކެޕްޓަން އީތަން އީބޭންކްސް ލެންޑަލް އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ބެކްހީލް އަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި ފަބީނިއޯ ވަނީ އޭރިއާތެެރެއިން ލިބުނު ފުރުސަތުގައި ލިވަޕޫލްގެ ހަަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅޭނީ ކާޑިފް ސިޓީއާ އެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި މޯކަބްމްގެ އެންތަނީ އޯކޮނާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމް ތިން ގޯލު ޖެހީ ވެސް މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ. ހެރީ ވިންކްސް މެޗުގެ 75 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރިއިރު، އޭގެ 10 މިނިޓް ފަހުން ލޫކަސް މޯރާ ވަނީ ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. އަދި މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަަހައިފަ އެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމް ކުޅޭނީ ޕްރިމިއާ ލީގުގެ ބްރައިޓަންއާ އެވެ.
ނޮޓިންހަމް ފޮރެސްޓުން މި ވަނީ ރޭގެ މެޗާ އެކު ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް އާސެނަލް ކަޓުވާލައިފަ އެވެ. އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި 2018 ވަނަ އަހަރު ނޮޓިންހަމް އިން އާސެނަލް ބަލިކުރީ 4-2 އިންނެވެ.
ރޭ ނޮޓިންހަމް އިން އާސެނަލް ބަލިކުރި ގޯލު ޖެހީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ ރަޔާން ޔޭޓްސް ނެގި ހުރަހަކުން އެ ޓީމުގެ ލެވިސް ގްރަބަން ޖެހި ގޯލެކެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ރޭގެ މެޗަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އާޓެޓާ ބުނީ މެޗުން މޮޅުވެވޭ ވަރަށް އާސެނަލަށް ނުކުޅެވޭ ކަމަށާއި އެކަމަށްޓަކައި މާފަށް އެދޭ ކަމަށެެވެ.

