ޗައިނާގެ އެސްޓްރޮނޯޓުން ސްޕޭސްއިން ލެކްޗާއެއް ދީފި
ޗައިނާގެ އެސްޓްރޮނޯޓުން ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގައި އޯބިޓް ކުރަމުން ދިޔަ އިރު، ދުނިޔޭގެ ބިމަށް ވުރެ 250 މޭލު އުހުގައި ތިބެގެން ސައިންސް ލެކްޗާއެއް 9 ޑިސެމްބަރު 2021 ގައި އެތައް މިލިއަން ދަރިވަރުންނަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޝެންޒޫ 13 މިޝަން ކްރޫގެ ހުރިހާ މެމްބަރުން ކަމަށްވާ ޒިގާއީ ޒިގަންގް، ވަންގް ޔަޕިންގް އަދި ޔޭ ގުއަންގްފޫ ވަނީ ސްޕޭސް ސްޓޭޝަންގެ ތެރޭގައި މިހާރު ކޯރ މޮޑިއުލްއަކާއި ޖައްވީ އުޅަނދަކާއި ދެ ރޮބޮޓިކް ކާގޯ ސްޕޭސްޝިޕް އެކުލެވިގެންވާ ސްޕޭސް ސްޓޭޝަންގެ ތެރޭގައި ދިރިއުޅޭ ގޮތާއި މަސައްކަތް ކުރާ ގޮތް ދަރިވަރުންނާއި ޓީޗަރުންނާއި އެހެނިހެން ބައިވެރިންނަށް ދައްކާލާފައެވެ.
އެސްޓްރޮނޯޓުން ވަނީ އެމީހުންގެ ކަސްރަތު އިކުއިޕްމަންޓާއި ހާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ ސްޕޭސް ސޫޓެއް ދައްކާލައި، މައިކްރޯގްރެވިޓީގައި ޖިސްމާނީ ހާދިސާތަކާ ބެހޭ ގޮތުން ޑެމޮންސްޓްރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.
ފުރަތަމަ ސްޕޭސްފްލައިޓްގައި ހުރި ޔޫ ވަނީ ބަރުދަން ލުއި މާހައުލެއްގައި އޭނާގެ ހަށިގަނޑު ރޮޓޭޓްކުރި ގޮތް ދައްކާލާފައެވެ. މި ލެކްޗަރ ގައި އެސްޓްރޮނޯޓުން ވަނީ ދަރިވަރުންގެ ސުވާލުތަކަށް ވެސް ޖަވާބު ދީފައެވެ.
މި ތިން އެސްޓްރޮނޯޓުން ސްޕޭސްއަށް ދިޔައީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެއް ގަޑިއިރަށް ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ޗައިނާ މޭންޑް ސްޕޭސް އޭޖެންސީއާއި، ޗައިނާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ސަރުކާރުގެ އެހެން ބައެއް ޑިޕާޓްމަންޓްތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެއީ ސްޕޭސް ސައިންސްގެ މަގުބޫލުކަން ހޯދުމަށް ޗައިނާގެ ފުރަތަމަ އެކްސްޓްރާ-ޓެރެސްޓްރިއަލް ލެކްޗާ ސީރީޒް ކަމަށްވާ ޓިއަންގޮންގް ކްލާހުގެ ފުރަތަމަ ލެކްޗާ އެވެ.
އަދި ޗައިނާގެ ޖައްވީ ސްޕޭސް ފްލައިޓްތަކުގެ މައްޗަށް ބިނާކޮށް އިތުރު ލެކްޗާތައް ބާއްވާނެ ކަމަށާއި ޗައިނާގެ އެސްޓްރޮނޯޓުން ވެސް ހުށަހަޅާނެ ކަމަށް ޖައްވީ އިދާރާއިން ބުނެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ މަގުސަދަކީ އިންސާނުން ދަތުރުކުރާ ސްޕޭސް ފްލައިޓްތަކާ ބެހޭ މައުލޫމާތު ފެތުރުމާއި ޒުވާނުންގެ މެދުގައި ސައިންސްގެ ރޮނގުން ހިތްވަރު އާލާކުރުން ކަމަށް ވެސް ބުންޏެވެ.
ބެއިޖިން ނަމްބަރު 101 މިޑްލް ސްކޫލްގެ ޑެޕިއުޓީ ހެޑް އޮފް ޓީޗިން އަދި ފިޒިކްސް ޓީޗަރެއް ކަމަށްވާ ޝީ ޔީ ވިދާޅުވި ގޮތުގައި ސްޕޭސް ލެކްޗާއަކީ ދަރިވަރުންގެ ސައިންސްގެ ޝައުގުވެރިކަން އިތުރުކޮށްދޭނެ ލޯ ހުޅުވޭ ތަޖުރިބާއެކެވެ.
ކެޕިޓަލް ނޯމަލް ޔުނިވާސިޓީއާ ގުޅިފައިވާ ޔުކްސިން ސްކޫލްގެ ފަސް ވަނަ ގްރޭޑްގެ ދަރިވަރެއް ކަމަށްވާ ވަންގް ޔިހާން ބުނީ “އެސްޓްރޮނޯޓުންގެ އެކްސްޕެރިމެންޓްތަކުން ހަގީގަތުގައި ވެސް ވަރަށް މަޖާ އަދި ސަޕްރައިޒްވި. ސްޕޭސްފްލައިޓަށް އަޅުގަނޑުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮތް އަދި ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ޤައުމުގެ ސްޕޭސް އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން.”
ހޮންގްކޮންގްގެ ޕުއި ކިޔޫ ކޮލެޖުގެ ޑެޕިއުޓީ ޕްރިންސިޕަލް ވިންސެންޓް ވޮންގް ވައި-ޝިންގް މި ލެކްޗާ ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން ސްޕޭސް އާއި ސައިންސްގެ ރޮނގުން ޝައުގުވެރިކަން އިތުރުކުރާއިރު، ހޮންގްކޮންގްގެ ދަރިވަރުންނަށް އެސްޓްރޮނޯޓުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.
