ޖެނުއަރީ 1 ން ފެށިގެން ބައެއް ފޯނުތަކުގައި ވަޓްސްއަޕް މަސައްކަތެއް ނުކުރާނެ
އަންނައަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަދުވަހުން ފެށިގެން ބައެއް ސްމާޓް ފޯނުތަކުގައި ވަޓްސްއަޕް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެކަމަށް ވަޓްސްއަޕްގެ އޮފިޝަލް ސަޕޯޓް ޕޭޖުން ބުނެފިއެވެ.
އެޕޭޖްގައި ބުނެފައިވާގޮތުން ބައެއް ފޯނުތަކުގައި ވަޓްސްއަޕް ބޭނުން ނުކުރެވޭނީ އެ އެޕްލިކޭޝަން އަޕްގްރޭޑް ކުރުމަށްޓަކައި ބައެއް ފީޗާސްތަކަށް ގެންނަން ޖެހުނު ބަދަލުތަކެއްގެ ސަބަބުންނެވެ.
މި ބަދަލު ގެނައި ނަމަވެސް ވަޓްސްއަޕް ބޭނުން ނުކުރެވޭނީ ހުރިހާ ވިންޑޯސް ފޯނުތަކާއި، އެންޑްރޮއިޑް ފޯނުތަކުގެ އޯއެސް 2.3.7 އަށްވުރެ ދަށް ވާރޝަން ތަކުގައި ކަމަށްވެސް އެޕޭޖުން ބުނެފައިވެއެވެ. އަދި އައި އޯއެސް ގެ ވެސް 8 ށްވުރެ ދަށް ވާޝަން ތަކުގައި އެ އެޕްލިކޭޝަން ބޭނުން ނުކުރެވޭނެކަމަށް ވަޓްސްއަޕް އިން އެމީހުންގެ އޮފިޝަލް ސަޕޯޓް ޕޭޖްގައި ބުނެފައިވެއެވެ.
މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސްއެޕަކީ އިންސްޓަގްރާމް ވެސް މިހާރު ކޮންޓްރޯލް ކުރާ ފޭސްބުކްގެ ބައެކެވެ. ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 1.5 ބިލިއަނަށް ވުރެ ގިނަ އެވެ.

