ނާގަލޭންޑް: އަސްކަރިއްޔާއިން ހިންގި ގަތުލު ޢާއްމާއި ގުޅިގެން މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުދީފި
ނާގަލޭންޑް: އަސްކަރިއްޔާއިން ހިންގި ގަތުލު ޢާއްމާއި ގުޅިގެން އިންޑިއާގެ ޓްރިބިއުނަލް ބޮޑީން މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުދީފިއެވެ.
އިންޑިއާގެ އުތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ ނާގަލޭންޑުގައި މިމަހުގެ ކުރީކޮޅު އާންމުންގެ ގިނަބަޔަކު މެރުމުގެ ޖަރީމާތަކަށް ޖަވާބުދާރީވުމަށް ޑިމާންޑް ކުރަމުންދާއިރު، އެގައުމުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު، އިންޑިއާގެ އުތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ ނާގަލޭންޑުގެ އެންމެ އިސް ޓްރިބިއުނަލް ބޮޑީން ދީފިއެވެ.
ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން އެ ސްޓޭޓްގެ މޮން ޑިސްޓްރިކްޓަށް އެއްވެ، 5 ޑިސެމްބަރގައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައިފައިވާއިރު، އިންޑިއާ އަސްކަރިއްޔާއިން ހިންގި ބޮޗޭ އޮޕަރޭޝަނެއްގައި އާންމުންގެ 14 މީހުން މަރާލާފައި ވެއެވެ.
އަދި އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްވެސް އެމީހުން ދަނީ ޑިމާންޑް ކުރަމުންނެވެ. އަސްކަރިއްޔާއިން އާންމުންނާ ދެކޮޅަށް ބަޑިޖަހާފައިވަނީ، އެމީހުން ގޮވައިގެން ދަތުރުކުރި ވެހިކަލް މަޑުކުރަން އެންގުމުން، އަސްކަރިއްޔާއިން އާންމުން ދުރަށް ޖެއްސުމުން ކަމަށް ޕާލަމެންޓްގައި ބުނެފައި ވެއެވެ.
މި ބަޔާނަށްފަހު ކުރި މުޒާހަރާތަކުގައި މިސްޓަރ ޝާހުގެ ފޮޓޯތައް ވަނީ އަނދާފައެވެ. ޒަމާނުއްސުރެ ހަމަނުޖެހުމާއި އިންގިލާބުގެ ޝިކާރައަކަށްވެފައިވާ އެ ސްޓޭޓުގައި މުޒާހަރާކުރާ ފަރާތްތަކުން ބުނަމުންދަނީ މިސްޓަރ ޝާހްގެ ވާހަކަތަކަކީ “ދޮގު” ވާހަކަތަކެއް ކަމަށާއި، ގަސްދުގައި އެ މީހުން މަރާލާފައިވާ ކަމަށެވެ.
ނާގާ ދަރިކޮޅުގެ މީހުންގެ އެންމެ އިސް ބޮޑީ، ނާގާ ހޯހޯގެ ވެރިޔާ ބީބީސީ ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، އެމީހުންގެ ޑިމާންޑްތަކަށް ބޯނުލަނބާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި މުޒާހަރާތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.


