ޚަބަރު

ކިންގް ސަލްމާން މިސްކިތަށް ދިވެހި ސަރުކާރުން ކުރާ ޚަރަދު އަނބުރާ ސައޫދީ ސަރުކާރުން ދެއްވާނެ – މިނިސްޓަރ އަސްލަމް

ސައުދީ ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ ޚަރަދު ސަޢުދީ ސަރުކާރުން އަނބުރާ ދެއްވާނެކަމުގެ ފުރިހަމަ ޔަގީކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ސުވާލު ކުރެއްވުމުން ޖަވާބު ދެއްވަމުންނެވެ.

ޔައުޤޫބު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް ދައުލަތުގެ ބަޖެޓުން 80 އިންސައްތަ ޚަރަދުކުރަމުންދާކަމަށެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިހެން މިހެން ވިދާޅުވިނަމަވެސް ސަޢުދީ ސަރުކާރުގެ އެހީގައި ޢިމާރާތްކުރަމުން އަންނަ މިސްކިތް ޢިމާރާތްކޮށް ނިމި އެތައް ދުވަހެއް ވޭތުވެގެންދާއިރުވެސް މިސްކިތް ރަސްމީކޮށް ބޭނުންކުރަން އަދި ފަށާފައި ނުވާކަން ފާހަގަކުރެވެއެވެ.

އަދި ހަމައެއާކު އެމިސްކިތް ނުނިމި މަސައްކަތް ދިގުލައިގެން ދިޔުމުގެ ކަންބޮޑުވުމާއެކު މިސްކިތަށް ކުރާ ހޭދައިގެ ބޮޑުބައެއް ކުރަމުންދަނީ ދިވެހި ދައުލަތުގެ ބަޖެޓުންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން މިހާރު ވަނީ އިތުރުވެފައެވެ.

ދާންދޫ ދާއިރާގެ މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ކިންގ ސަލްމާން މިސްކިތުގެ މަސައްކަތަކީ ސީދާ ސަޢުދީ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް މަޝްރޫޢުގެ ބައެއް ޚަރަދުތައް ދިވެހި ސަރުކާރުން ކުރަމުން އަންނަކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެފައިސާ ސައުދީ ސަރުކާރުން އަނބުރާދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ސައުދީ ސަރުކާރާ ދެމެދު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“މިހާތަނަށް ކުރި ޚަރަދުގެ ބޮޑުބައެއް ދައުލަތުގެ ބަޖެޓުން ހިނގާފަވޭ. އެހެންނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން ސަޢުދީ ސަރުކާރުގެ ނިޔަތް އެބައޮތްކަން، އަދި ދެއްވާނެކަން އެލާރި ރީއިމްބަރސްކޮށްދެއްވާނެކަން. ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުން ސަޢުދީ ސަރުކާރާއެކު އެމަޝްވަރާތައް ކުރިއަށް އެބަގެންދޭ. އަދި ސައުދީ ސަރުކާރުން އެޚަރަދުކުރައްވާނެކަން ހަމަޔަގީން” މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ސަޢުދީ ސަރުކާރާއި ގުޅިގެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އޭގެކުރިންވެސް މިސްކިތް ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދެއްވިނަމަވެސް އެކި ސަބަބުތަކާއި ހުރެެގެން ފަސްކުރަންޖެހިފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަހަރުގެ އޯގަސްޓްމަހު ސަޢުދީ ސަރުކާރުގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރައްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close