ފުރަތަމަފަހަރަށް އަންހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ޔޫއޭއީ އިން ބައިވެރިވަނީ
ފުރަތަމަފަހަރަށް އަންހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ޔޫއޭއީ އިން ނާސާއާ ގުޅެން މަސައްކަތް ކުރަމުންދާ ކަމަށް އެޤައުމުގެ ސްޕޭސް އެޖެންސީން ބުނެފިއެވެ.
ޔޫއޭއީގެ ސްޕޭސް އޭޖެންސީގެ އިސް އޮފިޝަލުން މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ދުބާއީ އެއަރޝޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔޫއޭއީގެ ސްޕޭސް އޭޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް އަލް ގާސިމް ވިދާޅުވީ ނާސާގެ އާޓެމިސް ޕްރޮގްރާމް ތަރައްގީ ކުރުމުގެ ބައެއް ކަންކަމަށް އެމީހުން ފާރަވެރިވަމުން އަންނަ ކަމަށެވެ.
2025 ވަނަ އަހަރު ހަނދަށް ބަޔަކު ފޮނުވުމަށް ނާސާއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަނެއްކޮޅުން 2022 ވަނަ އަހަރު ހަނދަށް ދިއުމަށް ތައްޔާރުކުރި ފުރަތަމަ އަރަބި މިޝަން ކަމަށްވާ ރާޝިދު ރޯވަރގެ އިންޖިނިއަރިން މޮޑެލް ދުބާއީ އެއާޝޯގައި ވަނީ ދައްކާލައިފަ އެވެ.
އެއިރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ މުހައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރު (އެމްބީއާރުއެސްސީ) ސަލާމް އަލް މުއްލާ ވިދާޅުވީ “އިންޖިނިއަރިން ކޮލިފިކޭޝަން މޮޑެލް ކަމުގައިވާ އީކިއުއެމް މޮޑެލް ނިމިއްޖެކަމަށެވެ.
ތަރމަލް ވެކިއުމް ޗެމްބަރ ޓެސްޓް ކޮށް ނިމިއްޖެ. ރާޝިދު ރޯވަރގެ ރެންޑަމް ޓެސްޓިން، ޝޮކް ޓެސްޓިން އަދި ސީއޯޖީ މިންތައް ހިމެނޭ ވައިބްރޭޝަން ޓެސްޓު އަޅުގަނޑުމެން ނިންމާލީ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެން ހަނދަށް މިދަނީ އަދި އޭގެ ފަހުން އަޅުގަނޑުމެން ފްލައިޓް މޮޑެލްތައް އުފެއްދުމުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެން މިތިބީ މަގުމަތީގައި.” އޭނާ ބުންޏެވެ.
ރާޝިދު ނަމަކަށް ކިޔާ އޭއައި އިން ތައްޔާރުކޮށްފައިވާ ހަނދުގެ ރޯވަރ އަންނަ އަހަރު ހަނދަށް ފޮނުވާނީ ޖަޕާނުގެ އައިސްޕޭސްގެ އެހީގައެވެ. ޖަޕާނުން ވަނީ ޔޫއޭއީއަށް ޕޭލޯޑް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
މި ރޯވަރ ޖައްސާނީ ހަނދުގެ ސަތަހައިގައި އެކްސްޕްލޯ ނުކުރާ ސަރަހައްދެއް ކަމަށްވާ “ލޭކް އޮފް ޑްރީމްސް” ގައި، ބިމުގެ ސަތަހަ ދިރާސާކޮށް، ހަނދުގެ މުޅި ދުވަހު އެތައް ހާސް ފޮޓޯއަކާއި ބޭނުންތެރި ސައިންސްގެ ޑޭޓާ އެއް އުފެއްދުމަށެވެ.
ރޯވަރގެ މަސްޓްގެ މަތީގައި ހުންނަ ކެސްޕެކްސް ކެމެރާއިން ރޯވަރގެ ވަށައިގެންވާ ޕެނަރޯމާ ވިޒިބިލިޓީ ލިބިގެންދާނެއެވެ.
ފަހަތުގައި ހަރުކޮށްފައި ހުންނަ ކެސްޕެކްސް ކެމެރާއިން ހަނދުގެ ބިމުގެ ފޮޓޯތައް ހައި ސްޕޭޝަލް ރިޒޮލިއުޝަނާއެކު ޑެލިވާ ކޮށްދޭނެ އެވެ.
އެމްބީއާރުއެސްސީގެ ޑިރެކްޓަރ ޖެނެރަލް ޔޫސުފް ހަމަދު އަލް ޝައިބާނީ ވިދާޅުވީ “ޔޫއޭއީގެ އަމާޒަކީ އެމިރޭޓްސް ލޫނާ މިޝަން މެދުވެރިކޮށް ހަނދުގެ އީޖާދީ އަދި ދެމެހެއްޓެނިވި އެކްސްޕްލޮރޭޝަނެއް ލީޑް ކުރުމެވެ. އަދި، ސްޕޭސް އެކްސްޕްލޮރޭޝަންގެ ކުރިމަގު އުޖާލާވެ، އިންސާނިއްޔަތަށް ޓަކައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެ، މުސްތަޤްބަލަށްޓަކައި އެންމެން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ހަނދުގައި ފިނިހޫނުމިން ރެއާއި ދުވާލު ވަރަށް ބޮޑަށް ތަފާތުވާއިރު، ރޯވަރއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ހަނދުގެ ފިނިހޫނުމިން މައިނަސް 200 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވޭ ހަނދުގެ މާހައުލާ ކުރިމަތިލުމެވެ.
