ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އާމިނަތު ޝަތުފާ އައްޔަން ކުރައްވައިފިއެވެ.
ސިޔާސީ މަޤާމެއްގެ ގޮތުގައި ޝަތުފާއަށް ވަޒީފާ ހަޖައްސައިދީފައިވާއިރު އޭނާ ޚާއްޞަ ކުރައްވާފައިވަނީ ހެލްތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރެއްގެ ގޮތުގައެވެ.
މީގެ ކުރިންވެސް ޝަތުފާ އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. އެގޮތުން އެމްޑީޕީ ޕްރޮމޯޓް ކުރުމާއި، ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮޖެކްތަކުގެ މަޢުލޫމާތު ތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ޝަތުފާ ފާހަގަ ކޮށްލެވެއެވެ.
ޝަތުފާ ވަނީ މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައިވެސް އެ ކައުންސިލްގައި މަސައްކަތްކުރައްވާފައެވެ. އޭރުވެސް ޝަތުފާ ކުރިއަށް ގެންދެވީ ކައުންސިލްގެ ޚަބަރުތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެވެ.
ޝަތުފާއަށް ވަޒީފާ ދިންކަން ރަސްމީކޮށް ހާމަކޮށްފައިނުވިނަމަވެސް މިހާރު ވަނީ ހެލްތު މިނިސްޓްރީން މީޑިއާއާއި މަޢުލޫމާތު ހިއްސާކުރާ ވައިބަރ ގްރޫޕަށް ވެސް އެޑްކޮށްފައެވެ.
ޝަތުފާއަށް ސިޔާސީ މަޤާމެއް ދެއްވާފައިވާއިރު، މުސާރައިގެ ގޮތުގައި ދެނީ ކިހަވަރެއްކަމެއް ނޭނގެއެވެ. ނަމަވެސް ސިޔާސީ ގޮތުން އައްޔަންކުރަ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުންނަށް މުސާރައިގެ ގޮތުގައި މަދުވެގެން 20،000 ރުފިޔާ ދެއެވެ.
މިސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަކަމަށް ބުނެ ބައެއް ފަރަތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ސިޔާސީ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

