ރާއްޖޭގެ ފުޓްބޯޅައަށް ލަދުވެތި ދުވަހެއް
ސްރީލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗުން ބަންގްލަދޭޝް އަތުން 2-1 އިން ރާއްޖެ ބަލިވުން ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެން ދިޔަ ބަލައިގަންނަން އުނދަގޫ ލަދުވެތި ނަތީޖާއަކަށެވެ.
މިއަދަކީ 18 އަހަރަށްފަހު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަގުލަދޭސްގެ ފުޓްބޯޅަ ޓީމުއަތުން ބަލިވި ދުވަހެވެ. ބަގުލަދޭސްއަތުން އެންމެފަހުން ރާއްޖެ ބަލިވެފައިވަނީ 2003 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި 5-3 ންނެވެ އެވެސް ޕެނަލްޓީ ޖަހައިގެންނެވެ.
މިއަދު ހަވީރު ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ލަނޑުޖަހާ ފުރަތަމަ ލީޑު ނެގީވެސް ބަންގްލަދޭޝްއިންނެވެ. އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާއިން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން އެވެ.
މިއަދުގެ މެޗުގައި ދަށްކޮށް ފެނުނު ރާއްޖެއިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ މެޗުގެ ފަހުހާފު ނިމެން ގާތްވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމޭރުއެވެ.
ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފިޓްނަސްގެ މައްސަލަތައް ފެންނަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެޓީމަށްވެސް ބަދަލުތަކެއް ގެނައިތައް ފެނިގެން ދިޔައެވެ. ރާއްޖޭގެ ޓީމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ނުފެނުނު ނަމަވެސް ބަގުލަދޭސްއިން ވަނީ މެޗުގެ 88 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް ތާރީޙީ ކާމިޔާބެއް ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައިވެސް އެޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިން ޓޯޕޫ ބާމަންއެވެ.
މިއަދުގެ މިނަތީޖާ އާއިއެކު ބަގުލަދޭސް 4 ޕޮއިންޓާއިއެކު ތާވަލުގެ 1 ވަނައަށް އެރިއިރު ރާއްޖެއަށް ލިބިފައިވަނީ 1 ޕޮއިންޓެކެވެ. އަދި މިނަތީޖާ އާއިއެކު މި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އަމިއްލަ ބާރު މިވަނީ ގެއްލިފައެވެ.
ރާއްޖޭގެ މި ބައްޔަކީ ރާއްޖޭގެ ފުޓްބޯޅައިގެ ސަޕޯރޓަރުންނަށް ބަލައިގަނެވޭނެ ނަތީޖާއެއް ނޫނެވެ.

