ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު
މިބިންމަތީގައި އިންސާނުންނަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތެވެ. އެއީ ތިމާގެ ދުނިޔެއާއި، އާޚުރަތް އާރާސްތުކުރުމުގެ ބިންގަލެވެ. އެއްބައިވަންތަކަމާއި، ހަމަހަމަ ކަމާއި، ޙައްޤުތައް ހިމާޔާތްކޮށްދިނުމުގެ އެންމެ ފުރިހަމަ ޤާނޫނަކީވެސް މަތިވެރި އިސްލާމްދީނުގެ ފުރިހަމަ ޤާނޫނެވެ. ޝަރީޢަތެވެ. މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީވެސް މިމަތިވެރި ނިއުމަތެވެ. އިސްލާމްދީނެވެ.
މި މަތިވެރި ނިއުމަތް ދިވެހިންނަށް ލިބުނުތާ މިއަދަށް މިވީ ހިޖްރީގޮތުން ބަލާނަމަ 895 އަހަރެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަމާއި، ރަޙްމަތްވަންތަކަމުން އަޅުގަނޑުމެން ދިވެހިންނަށް މިންވަރު ކުރެއްވި މިމަތިވެރި އިސްލާމްދީނުގެ ނޫރު އަބަދަށް މެ މި ފަސްގަނޑުގައި ދެމެހެއްޓެވުމަށް އެދި އެކަލާންގެއަށް ދުޢާކުރަމެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމްދީން ގަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގަ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން އެ ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރު އެވެ.
އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރި އެވެ. އެކަމަކު، އޭގެ ފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން ހުއްޓާލުމަށް ފަހު، އަނެއްކާ ވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.
ރާއްޖެ އިސްލާމްވި ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ވިސްނާ ފިކުރު ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަންކަން މިއަދު އެބަހުއްޓެވެ. އެގޮތުން ދީނުގެ ތަސައްވުރު ހުތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ފަރުވާތެރިވެ، އެކަންކަމުން ސަލާމަތްވުމަށާއި އެކަންކަމުން ޅަދަރީން ސަލާމަތް ކުރުމަށް އަޅުގަނޑު ވިސްނަން އެބަޖެހެއެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެކެވެ.
ޒުވާނުންނާއި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަަސައްކަތް ކުރުމަކީ ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ދެކި އެކަމަށްވެސް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. އެހެނީ ދިވެހިންނަށް ލިބިފައިވާ ގިނަ ގުނަ ނިއުމަތްތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ނޫރުން ހިތްތައް އުޖާލާކޮށްދެއްވުމެވެ. އެހެންކަމުން ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ.
ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނީ ދީނީ ކަންކަމަށް ފަރުވާތެރިވެ ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއެކު މުންކަރާތްތަކުން ދުރުހެލިވުމުންކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. ދިވެހިންގެ ހިތްތަކުގައި އެންމެ ލޯބި ދެވޭ ގަދަރު ކުރެވޭ އަދި އެންމެ އިހުތިރާމް ކުރެވޭ އެއްޗަކީ ވެސް އިސްލާމީ އަގީދާކަމުގައި ހަދަންޖެހެއެވެ.
އެހެންކަމުން ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ އެކަކު އަނެކަކަށް އޯގާތެރިވުމާއި މައާފުކުރުމާއި ތަހައްމަލުކުރުމާއި ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަން އެބަޖެހެއެވެ. ހަލާކުވެ ވީރާނާ ވަމުން މިދާ އިޖްތިމާޢީ ފޭރާން އަލުން އިޢާދަކުރެވޭތޯ ބަލަންޖެހެއެވެ. އިސްލާމީ ނޫރުގެ މަތިވެރި ނިޢުމަތް އަތުން ބީވިޔަ ނުދީ ދެމެހެއްޓޭތޯ ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރާން އެބަޖެހެއެވެ.


