ޚަބަރު

ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގައި ވާހަކަ ނުދެއްކުމުން އިތުރު ޖަލުހުކުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާ ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކުރުމުން ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ނަޝީދަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ ހ.ލައިޓްނައިޓް އިސްމާއީލް ޔާފިސް، (40 އ)އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްގެން އޭނާ ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާއަށް 15 ދުވަހަށް ޖަލު ހުކުމެއް އިއްވިއެވެ.

ޔާފިސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ފޮނުވުމަށް ފަހު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމަށް ފަހު ގާޒީ ދީބާނާޒް ފަހްމީ ނެރުއްވި އަމުރުގައި ބުނީ ޔާފިސް އަކީ ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ވާހަކައެއް ނުދެއްކި ކަމަށެވެ.

ޔާފިސްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިހާރު ވަނީ ތިން ދައުވާއެއް އުފުލަން ނިންމާ އެދައުވާތައް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

ނަޝީދަށް އިންޒާރުދިން މައްސަލާގައި ރ. މީދޫން މިދިޔަ އޮގަސްޓު މަހުގެ 23 ގައި ޔާސިފް ހައްޔަރުކުރީ، ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ “އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ” ކަމަށާއި، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލައަށްވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް ބުނެ، ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close