ޚަބަރު

ދައުރު ފެށުމުގެ ކުރިން ޕާޓީއަކަށް ސޮއިކުރިޔަސް މެންބަރުކަމެއް ނުގެއްލޭނެ: ހަބީބް

ރައްޔިތުންގެ މަޖިލީހުގެ މެނަބަރުން އިންތިޚާބުވިޔަސް ދައުރު ފެށިފައިނުވާތީވެ, އަމިއްލަގޮތުން ވާދަކުރެއްވި މެންބަރުންނަށް އެބޭފުޅުން ބޭނުންވާ ޕާޓިއަކަށް ސޮއި ކުރުވޭނެކަމަށާއި އެކަމުގެ ސަބަބުން މެންބަރުކަން ނުގެއްލޭނެކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަމިއްލަގޮތުން ކާމިޔާބުކުރެއްވި 6 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާއި ގުޅުމުން އެމެންބަރުންގެ މެންބަރުކަން ގެއްލޭނެކަމަށް އެކިފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ހަބީބް ވިދާޅުވީ އެންޓި ޑިފެކްޝަން ޤާނުނުންވެސް އެމެންބަރުން ބޭނުން ޕާޓީއަކަށް ސޮއިކުރުމުގެ ފުރުސަތު ހަނިކޮށްފައިނުވާކަމަށެވެ.

މިގޮތުން އެންޓި-ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން، އިންތިޚާބުވެ ވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

އަމިއްލަގޮތުން ވާދަކުރައްވައިގެން އިންތިޚާބުވީ ފަރާތްތަކުގެ ތެރެއިން ޕީއެންސީއާއި ގުޅިވަޑައިގަތް މެންބަަރުންނަކީ:

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ

ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ޙަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މި 6 މެންބަރުންނާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާނެ ޖުމުލަ މެންބަރުންގެ އަދަދު 72 އަށް އަރާފައިވާއިރު މިއީ މަޖިލީހުގެ ތާރީޚުގައިވެސް އެއް ޕާޓިއަކަށް މިހާބޮޑު ސުޕަމެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ,

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close