ސަލާހުގެ ހެޓްރިކާ އެކު ލިވަޕޫލަށް ބޮޑު މޮޅެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިވަގުތު ތަފާތު ރަނގަޅު ފޯމެއްގައި ހުރި ލިވަޕޫލުގެ ފޯވާރޑް މުޙައްމަދު ސަލާގެ ހެޑްރިކާއި އެކު 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުންވަނީ 4 ލަނޑު ޖަހާފައެވެ. މިގޮތުން މެޗުގެ 5 ވަނަ މިނިޓްގައި ސަލާޙްގެ ހިތްގައިމު ޕާހަކުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ނެބީ ކެއިޓާއެވެ. ލިވަޕޫލުގެ 2 ވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 13 ވަނަ މިނިޓްގައި ޑިއެގޯ ޖޯޓާއެވެ. ލިވަޕޫލުގެ ފަހު 3 ލަނޑު ކާމިޔާބުކޮށް މުޙައްމަދު ސަލާހް ވަނީ ތާރީޙީ ހެޓްރިކެއް ހަދާފައެވެ. އަދި މިލަނޑު ތަކާއިއެކު ސަލާހް ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން ލިވަޕޫލް ކުޅުނު ދިހަ މެޗުގައިވެސް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެންޗެސްޓާރ ޔުނައިޓެޑުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި އެޓީމުގެ ފަސްކުޅުންތެރިއަކަށް ރީދޫ ކާޑު ދެއްކުމުގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ޕައުލް ޕޮގްބާއަށް ވަނީ ވީއޭއާރު ބެލުމަށްފަހު ސީދާ ރަތްކާޑެއްދައްކާ ދަނޑުން ފޮނުވާލެވިފައެވެ. މިއީ ލިވަޕޫލަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އަދި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނެބީ ކެއިޓާގެ ކުޑަހުޅާއި ދިމާލަށްކުރި ނުރައްކާތެރި ޓެކުލްއަކާއި ގުޅިގެން އޭނާއަށް ދެއްކުނު ރަތް ކާޑެކެވެ.
މިރޭގެ މި ލަދުވެތި ބައްޔާއިއެކު މެންޗެސްޓާރ ޔުނައިޓެޑްވަނީ 14 ޕޮއިންޓާއި އެކު 7 ވަނައަށް ވެއްޓިފައެވެ.

