ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް – މިނިސްޓަރ މަހުލޫފު
ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފު ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރ މަހުލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށާއި ރައީސް ޔާމީން ވެސް ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާކަމަށް މަޚްލޫފު ވަނީ ވިދާޅުވެފައެވެ.
މިރޭ ޤައުމީ ޓީމު ވަނީ ރައީސް ޔާމީންގެ ގެކޮޅު ކައިރިން ބަހުގައި ދަތުރު ކޮށްފައެވެ. އެ ވަގުތާއި ދިމާކޮށް ރައީސް ޔާމީންވަނީ ގޭގެ ކުޑަދޮރުން ބޭރަށް ބައްލަވާލައްވާ ކުޅުންތެރިންނަށް ހަނާ އަޅުއްވާ ސަލާމް ކުރައްވާފައެވެ.
ކުޅުންތެރިން އަންނަ ވަގުތު ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ރައީސް ޔާމީން ހުންނެވީ ޤައުމީ ޓީމުގެ ޖާޒީއެއްގައެވެ. އަދި މިއަދު ވަނީ ރައީސްގެ ގޭގެ އެއްފަޅީގައި ބޮޑު ޤައުމީ ދިދައެއް ވެސް ދަމާފައެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. ރައީސް ޔާމީން މީގެ ކުރިން ވެސް ވަނީ ޤައުމީ ޓީމާއިއެކު ހުންނެވިކަން ހާމަ ކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ސާފްގެ ތަށި ލިބުނު ދެވަނަ ފަހަރަކީ ރައީސް ޔާމީންގެ ދައުރުގައި ތަށި ލިބުނު ފަހަރެވެ.


