ހިތްގައިމު ރީތި ގޯލަކާއެކު ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން އުންމީދު އާކޮށްފި
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ ކުޅުނު މެޗުގައި ހިތްގައިމު ރީތި ގޯލަކާއެކު ބަންގްލަދޭޝް 2-0 ން ބަލިކޮށް ރާއްޖެއިން މިމުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހު ދިވެހި ޤައުމީ ޓީމު މިވަނީ ދިވެހިންނަށް އުފާވެރިކަން ގެނެސްދީފައެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފައެވެ. މުބާރާތުން ކުރިޔަށްދާން މި މެޗުން ރާއްޖެއަށް ކޮންމެހެންވެސް މޮޅެއް މުހިއްމުވުމާއެކު މުޅިޓީމްވަނީ މިމެޗް ވަރަށް ސީރިއަސްކޮށް ނަގާފައެވެ. ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން މެޗު ނިމުމާއި ހަމައަށް މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ދިވެހި ޓީމުން ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުމުން ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ހަމަލާތައް ހުއްޓުވުމުގައި، ބަންގްލަދޭޝްގެ ގޯލްކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިފައެވެ.
ދިވެހި ޓީމުގެ ފޯވާޑު ލައިނުގައި ހިމެނޭ އަލީ އަޝްފާގް، ހަމްޒާ މުހައްމަދު، އަލީ ފާސިރުގެ ކުޅުން ވަރުގަދަ ކޮށް އެ ކުޅުންތެރިގެ ސާބިތުކަން ވަނީ ދައްކައިދީފައެވެ. އެސާބިތުކަމާއެކު ދިވެހި ޓީމުން ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓުގައެވެ. މިގޯލް ވެގެން ގޮސްފައިވަނީ މިމުބާރާތުގައި ޖެހި އެންމެ ހިތްގައިމު ގޯލަށެވެ. މިގޯލާއިއެކު ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދެވެ، މެޗުގެ ފޯރިވަނީ ގަދަވެއެވެ.
ގޯލަށްފަހުވެސް ދިވެހި ޓީމުންވަނީ މޮޅަށް ކުޅެފައެވެ. ޚާއްސަކޮށް މިމެޗުގައި ހަމްޒާ މުހައްމަދުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަކީ މިމެޗު ކާމިޔާބު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާ ހުއްޓުވުން ބަންގަލަދޭޝްގެ ޓީމަށް ފަސޭހަ ކަމަކަށް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޭކާރު ފައުލުތަކެއް އެޓީމްގެ ފަރާތުން ރޭގެ މެޗްގައި ވަނީ ފެނިގެން ގޮސްފައެވެ.
މެޗްގެ ނަތީޖާ 2-0 ން ރާއްޖެ މޮޅުވެ ޤައުމީ ދުވަހުގެ އިނާމެއްގެ ގޮތުގައި ދިވެހި ޤައުމީޓީމް ދިވެހިންނަށް މިދިން އަގުބޮޑު ހަދިޔާ އަކީ މުޅި ދިވެހިއުންމަތް ފަޚުރުވެރިން ހައްޤު ކާމިޔާބެއް ކަމުގައި ވިދާޅުވެ ރައީސް ސޯލިޙްވަނީ ދިވެހި ޤައުމީ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ.
ދިވެހިން ދިވެހިންގެ ގޮތުގައި ގަދަ ރަތްކުލައިގައި ނުކުމެ އިންޑިޔާ މެޗްވެސް ކާމިޔާބު ކުރުމަކީ ދިވެހިންގެ މިހާރުގެ އެންމެބޮޑު އެއް އުންމީދެކެވެ. އެކަންވެސް އިރާދަކުރެއްވިއްޔާ ހާސިލްވާނެއެވެ.


