ބަޖެޓް ކުރެވިފައިވާ ކަންކަން ނުކުރޭނަމަ ރައްޔިތުންގެ ތާއީދެއް ނޯންނާނެ – މޯޑު
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު ނާއްސަވައި ވެފައިވާ ވައުދުތައް ނުފައްދަވައި، އަދި ޚާއްސަކޮށް ބަޖެޓް ކުރެވިފައިވާ ކަންކަން ނުކުރެވި ރައްޔިތުންގެ ތާއީދެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ފެލިދޫ ރަށްގިރުމުގެ މައްސަލައިގެ ޤަރާރަށް ބަހުސް ކުރަމުން، މޯޑު ވިދާޅުވީ ރަށްތަކުގެ ތަރައްޤީގެ ކަންކަން ކުރަމުންދަނީ އިންސާފުން ނޫންކަމަށެވެ. އިންސާފުގެ ވާހަކަ ވެރިން ދައްކަވާއިރު ސަރުކާރުގެ ވެރިން ފުރަތަމަ ނަމޫނާ ދައްކަން ޖެހޭކަމަށެވެ.
ކޮބައިތޯ އިންސާފު. އިންސާފުގެ ވާހަކަ ދައްކާއިރު ރައްޔިތުންނާއި ހަމައިން އިންސާފު ފެށެން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ނަމޫނާ ދައްކަވަން. ސަރުކާރުގެ އިސްވެރިންނަށް ތިއްބަވާ ބޭފުޅުން އެބަޖެހޭ ނަމޫނަ ދައްކަވަން. އިންސާފުވެރިކަމާއި ހަމަހަމަ ކަމާއިއެކު ރަށްތަކުގެ ތަރައްޤީގެ ކަންކަން ކުރަން އެބަޖެހޭ. ރައްޔިތުންގެ ކަންބޮޑުވުން އަޑު އައްސަވަން އެބަޖެހޭ. އެކަންކަމަށް އަމަލީ ސިފަ ގެންނަވަން އެބަޖެހޭ. އެގޮތަށް އެކަން ނުވަނީނަމަ ކޮބައިތޯ ސަރުކާރެއް އޮތުމުގެ ބޭނުމަކީ. ކޮބައިތޯ ވެރިންތަކެއް ތިބުމުގެ ބޭނުމަކީ؟ ކޮބައިތޯ ރައްޔިތުން އިންތިޚާބުކުރި މެމްބަރުން މަޖިލީހުގައި ތިބުމުގެ ބޭނުމަކީ؟
– މޯޑު ވިދާޅުވިއެވެ.
ވެލިދޫ ދާއިރާއަށްވެސް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކަންކަން ނުވެ ދައުރު ނިމިގެންދާތީ ކަންބޮޑުވުން ފާޅުކޮށް މޯޑު ވިދާޅުވީ، ބަޖެޓުގައި ކަންކަން ޖަހައި ނުފުއްދޭތީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމަށެވެ. އޭނާ ވިދާޅުވީ ވެލިދޫ، ފޮއްދޫގެ ހަލަތުވެސް އޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްކަމަށެވެ. މިއަހަރުގެ ބަޖެޓްގައި ވެލިދޫ މަގު ހެދުމާއި، ސްކޫލުގެ 4 ބުރީގެ އިމާރާތެއްވެސް ބަޖެޓް ކޮށްފައިވާކަމަށެވެ. އަދި ހޮސްޕިޓަލެއް އެއީ ރައީސްގެ ވައުދެއްކަމަށާއި، ނަމަވެސް ދައުރު ނިމިގެންދާއިރުވެސް އެކަން ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ.
ބަޖެޓު ކުރިއިރު ބަޖެޓުގައި ހިމަނާފައި ހުރި ބައިވަރު ކަންކަން ނުފެށި ލަސްވަނީ. ކަންބޮޑުވުން މިމަޖީލީހުގައި ފާޅު ކުރެވިއްޖެ. ވަޒީރުންގެ ކައިރިއަށް ހިގިއްޖެ. ރައީސުލްޖުމްހޫރިއްޔާއަށް މެސެޖް ކުރެވިއްޖެ. ލިބޭ ޖަވާބެއްނެތް. އަންނަ ކުރިއެރުމެއްމެތް. ފެށޭ މަސައްކަތެއް ނެތް. ދެން ހަމަ ތަކުރާރުކޮށް އެވާހަކަ މިތާގަ އަޅުގަނޑުމެން ދައްކަންޖެހޭތޯ. އެހެންވެ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެވެނީ.
– މޯޑު ވިދާޅުވިއެވެ.
މޯޑު ވިދާޅުވީ ސަރުކާރުން ވެފައިވަ ވައުދުތައް ނުފުއްދި ދައުރު ނިމިގެންދާތަން ފެންނަކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ޚާއްސަކޮށް ރައީސް ވެފައިވާ ވައުދުތައް ފުއްދުމަށް ވަޒީރުން އެއްވެސް އެމަސައްކަތެއް ނުކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

