މާފުށީ ޑިންގީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ފުއްޕާމޭވަނީ ހުއްޓިފައި!
ރޭ ކ. މާފުށީ ކައިރީގައި ޑިންގީއެއް މައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު އެމީހާގެ ހާލު ސީރިޔަސް ކަމަށް އާއިލާގެ ގާތް މީހަކު ބުނެފި ކަމަށް ދުވަސް އޮންލައިން ނޫހުން ރިޕޯޓްކޮށްފިއެވެ.
ޢުމުރުން 50 އަހަރުގެ މީހަކު އިން ޑީގައި ލޯންޗެއް ޖެހި ހިނގި އެ ހާދިސާ ހިނގީ ރޭ 9:20 ހާއިރު ކަމަށްވެ އެވެ. ޑިންގީ މައްޗަށް ލޯންޗު އެރުމާއި އެކު ޑިންގީގައި އިން މީހާ ވަނީ މޫދަށް ވެއްޓިފައި އެވެ.
“ދުވަސް” އަށް މައުލޫމާތު ހިއްސާ ކުރި މީހާ ބުނިކަމަށް އެނޫހުގައިވަނީ ހާދިސާ ހިނގުމާއި އެކު އެމީހާ މޫދުން ނަގައިގެން ރޭ މާލެ ގެންދިޔަ ކަމަށެވެ. އަދި މިހާރު ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ބުނެ އެވެ.
މިހާތަނަށް ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެމީހާގެ މޫނުމަތީގެ ހުރިހާ ކަށިތަކެއް ބިންދައިގެން ގޮސް މޫނު އެއްކޮށް ވަނީ ޗިސްވެފަ އެވެ. އަދި ދަތްޕިލަ އެއްކޮށް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.
އިތުރު ސީރިއަސް އަނިޔާތަކަށް ބަލާއިރު އެމީހާގެ ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށާއި ފުއްޕާމެއަށް ވަރަށް ބޮޑަށް ލޭ އެޅިފަވާ ކަމަށް “ދުވަސް” އަށް މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ. އެމީހާ ނޭވާލަމުން ދަނީވެސް މެޝިނުގެ އެހީގައި އެވެ. މީގެ އިތުރުން އެމީހާގެ މޭކަށިގަނޑުވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.
މިހާދިސާ އާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްޗެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނުވަތަ ބޮޑަށް އިހުމާލުވަނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
