ޖަޒީލްގެ ބަންދަށް 15 ދުވަސް ޖަހައިފި
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) އަށް ޗޭނުގަނޑަކުން ހަމަލާދީ ބޯ ފަޅައިލި ޖަޒީލްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި މި މަހުގެ 2 ވަނަ ދުވަހު މާރާމާރީ ހިންގީ އޮފީހުގައި ޕިޔޯނެއްގެ މަޤާމު އަދާކުރަމުން އަންނަ އަޙްމަދު ޖަޒީލެވެ. އެ ގޮތުން ޖަޒީލް ވަނީ، ޗޭނުގަނޑަކުން މަންދީއަށް ހަމަލާދީ ބޯ ފަޅައިލާފައެވެ.
ޖަޒީލް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނީ ޖަޒީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ކޯޓުން ޢަމުރުކޮށްފައިވާ ކަމަށެވެ.
ޖަޒީލް ކުޑަގޮޅީގައި ބަންދުކޮށްފައި ބޭންދުމަށް މަންދީ ވަނީ ދެކޮޅު ހައްދަވާފައެވެ. މަންދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައްދުވަހެއްވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށްނޭދޭކަމަށެވެ. އޭނައަށް ފަރުވާބޭނުންވާކަމަށެވެ. މިކަހަލަ ކުއްޖެއްނެތް އާއިލާއެއް މަދުވާނެކަމަށެވެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފަރ ކުރާވަރު ފެނިވަޑައިގަންނަވާކަމުގައެވެ.
