މަހިބަދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ކުޑަކުއްޖަކާއެކު އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އދ. މަހިބަދޫވެސް މޮނިޓަރިންނަށް ލައިފިއެވެ. އިއްޔެވަނީ ލ.މުންޑޫއާއި، ށ.މިލަންދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މަހިދޫ މޮނިޓަރިންނަށް ލީ މިއީ ތިންވަނަފަހަރެވެ.
އދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ބުންޔާމިން ހަސަން ބައެއް މީޑިއާތަކަށް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ޕޮޒިޓިވްވީ ފްލޫކްލިނިކްއަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށެވެ.
މިފަހުން ތަނަކަށް ދަތުރުކޮށްފައި ނުވާ މި ކުއްޖާ އަލާމާތްތަކާ އެކު ދެއްކުމުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް ރަށުން ނެގި 40 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ކަމަށް ބުންޔާމީން ވިދާޅުވިއެވެ.
ޕޮޒިޓިންވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައި ވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ ދެ މީހުންނެވެ. އެއީ ކުއްޖާގެ މަންމަ އާއި ބައްޕައެވެ.
މިވަގުތު ނަތީޖާ ނުލިބި އެއްވެސް ސާމްޕަލެއް ނެތް އިރު، ދެން ސާމްޕަލް ނަގާނީ އެކުއްޖާގެ މަންމަ އާއި ބައްޕަގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަރާތްތަކުގެއެވެ.
މަހިބަދޫ އާބާދީގެ 18 އަހަރުން މަތީގެ 87 ޕަސެންޓަށްވުރެ ގިނަ މީހުން ކޮވިޑްގެ ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބުންޔާމިން ވިދާޅުވިއެވެ.
މަހިބަދޫ މޮނިޓަރިން އަށް ލާފައި ވާއިރު، ކައިރީގައި އޮތް އެ އަތޮޅު ހަންޏާމީދޫވެސް ހިމެނޭ ގޮތަށް 17 ރަށެއް މިވަގުތު މޮނިޓަރިންއަށް ލާފައި ވެއެވެ.


