ޚަބަރު

އިސްލާމް އަދި ޤުރްއާން މުދައްރިސުންނާއި ދީނީ ޢިލްމުވެރިންނާއި އިމާމުންގެ ޤަދަރު ކުޑަކުރުން ހުއްޓާލަން ޖެހޭ – ޝައިޚް އިބްރާހީމް ރަޝީދު

އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާއި، ދީނީ ޢިލްމް ވެރިންނާއި އަދި އިމާމުންގެ ގަދަރު ކުޑަކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވައިލައްވައިފިއެވެ.

ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާއި، ދީނީ ދަންނަބޭކަލުންނާއި އަދި އިމާމުންގެ ގަދަރު ކުޑަކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވައިލަށްވާ ކަމަށެވެ.

އިސްލާމް ދީނުގެ ދިފާޢުގައި މަސައްކަތްކުރާ މީހުންނަށް އިހާނެތި ބަސްބުނާ މީހަކަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ވެސް ސެއިޚް ވަނީ ވިދާޅުވެފައެވެ.

ސެއިޚް ވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތާއި އެއްވަރަށް ލާދީނީ ފިކުރުތަކާއި ދެކޮޅަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

“ހަމައެކަނި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކޮށްގެން ދިވެހި ޤައުމަށް ހަމަޖެހުމެއްނެތް” ސެއިޚް ވިދާޅުވެފަވެއެވެ.

ޝައިޚް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެއި ހައެއް ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް ސުކޫލު ދަރިވަރުންނާއި ޒުވާނުން އެ ފިކުރުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެއިތުރުން ފަހަކަށް އައިސް ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.

މިހާރުވެސް އިސްލާމް ޓީޗަރުންނާއި ޤުރްއާން މުދައްރިސުންގެ އިތުރުން ދީނީ ޢިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުންގެ ބޮލުގައި އެކިއެކި ތުހުމަތުތައް އަޅުވަމުންދާކަމީ ރާއްޖޭގައި ވަރަށް ޢާންމުވެފައިވާ ބިރުބޮޑު މައްސަލަ އެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close