ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއާއި ދީނީ ކަންކަން ކުރަން ހަވާލުކުރުމުން ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުން
ކޮރަޕްޝަން އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއާއި ދީނީ ކަންކަން ކުރަން ހަވާލުކުރެވޭނެ އެއްވެސް އަސްލެއް އަދި އަސާސެއް ނޯންނާނެކަމަށް ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
އެ ޖަމްޢިއްޔާގެ މައިގަނޑު އަމާޒުތައް ހިމެނޭ ސްކްރީންޝޮޓްތަކެއް ޓްވިޓާރގައި ޝެއަރކުރައްވަމުން ޝައިޚް ވިދާޅުވީ ޓްރާންސްޕޭރެންސީ އާއި ދީނީ ކަންކަން ކުރަން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރެވޭނެ އެއްވެސް އަސްލެއް އަދި އަސާސެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މިރޭ ޖަމްޢިއްޔަތުއް ސަލަފުން ކުލަބު ހައުސްގައި ކުރިޔަށް ގެންދިޔަ ‘ބޮޑުއަށި” ޕްރޮގުރާމުގައިވެސް ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ، ދަރިވަރުންގެ ކިބައިން ހަރުކަށި ފިކުރު ނައްތާލުމަށޭ ކިޔާ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޕްރޮޖެކްޓެއްގައި ސޮއިކުރީ ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް މޮނިޓަރކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއަކާއި ކަމަށެވެ.
ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެއްކަން އެންމެންވެސް ދަނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީންވަނީ ސްކޫލު ތަކުގެ ދަރިވަރުން ހަރުކަށި ފިކުރާ ދުރުކުރުވުމުގެ ނަމުގައި ޕްރޮޖެކްޓެއް ހިންގުމަށް ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
