ޚަބަރު

ލިބޭ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު މާ ބޮޑު – ވިސްނަންވެއްޖެކަމެއް

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ބަޖެޓުގެ ދަރަނި ބިލިއަނަކަށް އަރައިފިއެވެ.

އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހިނގާ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ 16 ބިލިއަން ރުފިޔާއަށް އަރާއިރު، އެ މުއްދަތުގައި ދައުލަތުގެ ޚަރަދު 17 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.  އެހެންކަމުން މިއަހަރުގެ ބަޖެޓްގެ ދަރަނި މިހާރު 1 ބިލިއަން ރުފިޔާއަށް އެވަނީ އަރާފައެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތަފްސީލަށް ބަލާއިރު، 16 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ރުފިޔާއަކީ އެކި އެކި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެހީގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ބަލާއިރު، 17 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދައުލަތް ހިންގުމުގެ ޚަރަދަށެވެ. އޭގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކޮށްފައިވާ 6.5 ބިލިއަން ރުފިޔާއާއި، އޮފީސްތައް ހިންގުމުގެ ޚަރަދުކޮށްފައިވާ 5.3 ބިލިއަން ރުފިޔާ ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން ދައުލަތުން ޚަރަދުކޮށްފައިވާ 17 ބިލިއަން ރުފިޔާގެ ތެރެއިން ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close