ކުޅުދުއްފުށިން އިތުރު ތިން މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި 13 އަހަރުގެ ކުއްޖައާއި ގުޅުންހުރި އިތުރު ދެ މީހަކާއި، ފުލޫ ކުލިނިކަށް ދެއްކި އިތުރު ކުއްޖަކު ޕޮޒިޓިވްވެ ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 4 އަރައިފި އެވެ.
ކޭއޯއާގައި ހާމަކުރައްވާފައިވާ ގޮތުގައި ކޭއޯއާއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ ކޭސްއާއި ގުޅިގެން 23 ފަރާތެއް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ވެފައިވާކަމަށާއި އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 51 އަހަރުގެ އަންހެނަކާއި 6 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އަދި މިއަދު ފުލޫ ކުލިނިކަށް ދެއްކި 16 އަހަރުގެ ކުއްޖަކުވެސް ޕޮޒިޓިވްވެފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު ޕޮޒިޓިވްވި 16 އަހަރުގެ ކުއްޖާއަކީ އިއްޔެގެ ކޭސްއާ ގުޅުންހުރި ކުއްޖެއްކަން ފާހަގަ ވެފައިނުވާކަމަށް އޮފިޝަލް ވިދާޅުވިކަމަށް ކޭއޯގައި ހާމަކޮށްފައިވެއެވެ. ފަހުން މި ޕޮޒިޓިވްވި 3 ސާމްޕަލްއާއި ގުޅިގެން މިހާރުދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
މި ކޭސްތަކާއި ގުޅިގެން މިހާތަނަށް ކުޅުދުއްފުށީގެ 5 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

