ޚަބަރު

މާފަރު ކައުންސިލްގެ މި ޙަރަކާތަކީ އެހެންކައުންސިލްތަކަށް ނަމޫނާ މަސައްކަތެއް

ނ.އަތޮޅު މާފަރު ކައުންސިލްގެ ފަރާތުން އިސްނަގައިގެން އެރަށުގައި ތިބި ދުވަސްވީ އިސްރަށްވެހިންނާއި، މަހަކު އެއްފަހު ކައުންސިލްގެ ފަރާތުން ބައްދަލުކޮށް އެމީހުންނަށް ޒިޔާރަތްކޮށް ހާލު އަހުވާލު ބަލައި ، ހަދިޔާ ދިނުމަށް ކުރިއަށްގެންދާ މި ޙަރަކާތަކީ އެހެންކައުންސިލްތަކަށް ހުރިނަމޫނާއެއް ކަމުގައި ނޫނީ ނުވާނެއެވެ.

ރަށުގައި ތިބި ދުވަސްވީ މީހުންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް މަހަކު އެއް ފަހަރު ޒިޔާރަތްކޮށް އެ މީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ކައުންސިލުން ނިންމާފައިވާއިރު އެހަރަކާތުގެ ފުރަތަމަ ބުރު ވަނީ މިހާރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ މުސްކުޅި ބަލީގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަހަކު އެއް ފަހަރު ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ކައުންސިލުން ފެށީ ރަށުގެ ސިއްހީ ކަންކަން ހަރުދަނާ ކުރުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގެ ދަށުން މިވަގުތަށް ކުރަން ކަނޑައަލާފައިވާ މަސައްކަތަކަށް ވާތީ ކަމަށެވެ.

ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމުގެ ދަށުން އެފަދަ އާއިލާތަކަށް ކައުންސިލާއި ސިއްހީ މަރުކަޒުގެ ޓީމެއް މަހަކު އެއްފަހަރު ޒިޔާރަތްކޮށް އެފަދަ ފަރާތްތަކުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އެފަދަ ފަރާތްތަކަށް އެހީގެ ކަންކަން ހަމަޖައްސާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ ބުދަ ދުވަހު ފެށިއިރު އެފަދަ ކޮންމެ ފަރާތަކަށް ވަނީ މޭވާ ވަށިގަނޑެއް ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފަ އެވެ.

މާފަރު ކައުންސިލްގެ ފަރާތުން ވަނީ ކުރިއަށްއޮތް 5 އަހަރަށް އެކްޝަން ޕްލޭނެއް އެކުލަވާލައިފައެވެ. އެ ޕްލޭންގައި ރަށުގެ ސިއްހީ ކަންކަން ރަނގަޅު ކުރަން ގިނަ ކަންކަން ހިމަނާފައިވާކަން ކައުންސިލް ރައީސް އަދުނާން ވިދާޅުވި އެވެ.

މީގެ އިތުރުން މާފަރު ރައްޔިތުންނަށް އެންބިއުލާންސްގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް ހެދުމާއި، ރަށުންނާއި އާސަންދައިން ނުލިބޭ ބޭސްތައް ބޭރުން ގެނެވޭނެގޮތުގެ އިންތިޒާމެއް ހަމަޖެއްސުމާއި، އަދިވެސް ސިއްހީގޮތުން ރައްޔިތުންނަށް ބޭނުންވާ އެކިއެކި ތަފާތު އެހީތެރިކަން ސަރުކާރާއި ގުޅިގެން ފޯރުކޮށްދިނުމަށް މާފަރު ކައުންސިލުންވަނީ ނިންމާފައެވެ.

މާފަރުގައި އަލަށް އިންތިޚާބުވި ކައުންސިލް ފަރާތުން ދަނީ ރައްޔިތުންނަށްޓަކައި ބޭނުންތެރި ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ރަށުގައި ތިބި ނުކުޅެދޭ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް އަންނަ މަހުގެ ތެރޭގައި ތައާރަފްކޮށް ތަންފީޒު ކުރަން ފަށަންވަނީ ނިންމާފައެވެ.

ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުން: ފޮޓޯ | މާފަރު ކައުންސިލް

މާފަރު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ މިފަދަ ކޮންމެ ހަރަކާތަކަށްވެސް މާފަރުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ  އެއްބާރުލުން ލިބެމުންދާކަމަށް މާފަރު ކައުންސިލްގެ ރައީސް ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close