ދީން

ޢީދުގެ ޢަދަބުތައް

މުސްލިމުންނަށްޓަކައި ﷲ ތަޢާލާ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދެޢީދެވެ. އެއީ ފިޠުރު ޢީދާއި އަޟުޙާ ޢީދެވެ. މިދެޢީދަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާދެޢީދެވެ. އެހެންކަމުން މިދެޢީދުގެ ދުވަސްތައް ވޭތުކުރުމުގައިވެސް މުސްލިމުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އަދަބުތައް އިސްލާމްދީނުގައިވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ޢީދުގައި މުސްލިމުން ފަރުވާތެރިވާންޖެހޭ ނުކުތާތަކަށް ބަލައިލާނަމެވެ:

1- ޢީދުގެ ތަހުނިޔާ ކިޔުން

ޢީދުގެ އުފަލުގައި މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރުމަކީ ޒަމާނުއްސުރެ މުސްލިމުން ޢަމަލުކުރަމުން އަންނަ އިސްލާމީ ރިވެތި އާދައެކެވެ.

2- ޢީދުގައި އުފާފާޅުކުރުން

މިގޮތުން ޢީދުގެ ތެރޭގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކުޅިވަރުކުޅެ އުފާފާޅުކޮށް ހެދުމަކީ އެދެވިގެންވާކަމެކެވެ.

3- ޢީދުގެ ތަކުބީރު ކިޔުން

ފިޠުރު ޢީދުގައި ތަކްބީރު ކިޔުން ފެށިގެންދަނީ ޢީދު ވިލޭރެއަށް އިރުއޮއްސުމާއި ހަމައިންނެވެ. ނުވަތަ ޝައްވާލު މަހުގެ ހަނދު ފެނިއްޖެކަން އިޢުލާންކުރުމާއި ހަމައިންނެވެ. އެވަގުތުން ފެށިގެން ޢީދު ނަމާދު ފެށުމާއި ހަމައަށް ގިނަގިނައިން ތަކުބީރު ކިޔުން ސުންނަތް ވެގެންވެއެވެ.

އަޟްޙާ ޢީދުގައި ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމު ތަޝްރީޤްގެ ތިންވަނަ ދުވަހުގެ ޢަސްރާއި ހަމައަށް ތަކުބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ޢަރަފާތް ދުވަހުގެ ފަތިސްނަމާދުން ފެށިގެން ފަރުޟް ނަމާދުތަކަށް ފަހުގައި ވަކިން ޚާއްސަކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވެއެވެ.

ތަކުބީރުގެ ގޮތުގައި ކިޔުމަށް އެކި ޞީޣާތައް(ޢިބާރާތްތައް) ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ސައްޙަ ޢިބާރާތަކީ ތިރީގައިމިވާ ޢިބާރާތެވެ.

(الله أكبر، الله أكبر، لا إله إلا الله والله أكبر، الله أكبر، ولله الحمد)

4- ޢީދު ނަމާދަށް ހިނައިގަތުން

ޢީދު ނަމާދަށް ދިއުމަށް ހިނައިގަތުމަކީ ސުންނަތެކެވެ.

5- ހުވަނދުލައި ރީތި ފޭރާންލުން

އެމީހެއްގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ޢީދުގައި ޒީނަތްތެރިވުމަކީ ސުންނަތެކެވެ.

6- ފިޠުރު ޢީދަށް ދިއުމުގެ ކުރިން އެއްޗެއް ކައިގެން ދިއުން، އަދި އަޟްހާ ޢީދުގައި ނަމާދަށް ފަހު އެއްޗެއް ކެއުން ފަސްކުރުން

މިގޮތުން ފިޠުރު ޢީދަށް ދިއުމުގެ ކުރިން ކަދުރުކޮޅެއް ކެއުން ސުންނަތްކަން ގަދަވެގެންވެއެވެ.

7- ޢީދަށް ދިއުމާއި އެނބުރިއައުމުގައި މަގު ބަދަލުކުރުން

އެއީ ވީހާވެސް ގިނަ ބަޔަކާއި ބައްދަލުވެ ޢީދުގެ ތަހުނިޔާއާއި ސަލާމް ބަދަލުކޮށް އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނެވެ.

8- ދަތިކަމަކަށް ނުވާނަމަ ހިނގާފައި ޢީދު ނަމާދަށް ދިއުން

9- މުސައްލާގައި ޢީދު ނަމާދުކުރުން

ވިއްސާރަވުމާއި އެނޫންވެސް އެފަދަ ދަތިކަމެއް ދިމާނުވާނަމަ ސުންނަތްވެގެންވަނީ މުސައްލާގައި ޢީދުނަމާދުކުރުމެވެ.

10- ޢީދު ނަމާދަށް ޚާއްސަ އިހު ސުންނަތެއް، އަދި ފަހު ސުންނަތެއްވެސް ނުވެއެވެ. ޢީދު ނަމާދު ކުރަނީ މިސްކިތުގައި ނަމަ މިސްކިތަށް ގޮސް މަސްޖިދު ސުންނަތުގެ ދެރަކްޢަތް ކޮށްގެން ތަކުބީރު ކިޔުމުގައި މަޝްޣޫލުވެ ހުންނާނީއެވެ. މައިދާނުގައިނަމަ މަސްޖިދު ސުންނަތް ކުރުމެއް ނުވެއެވެ. މައިދާނަށް ގޮސް ތަކުބީރު ކިޔުމުގައި މަޝްޣޫލުވެ ހުންނާނީއެވެ. ބޭނުންނަމަ ޟުޙާ ނަމާދު އެވަގުތު ކުރެވިދާނެއެވެ.

ލިޔުއްވީ: އައްޝައިޚް އަޙްމަދު ރިމާޒު (ދިސަލަފިއްޔާ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close