ޚަބަރު

ދީނަށް ފުރައްސާރަ ކުރުން ނުހުއްޓުވެނީ ކީއްވެގެންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުން ޖަވާބެއް ނުދިން

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިކަން ހުއްޓުވުމަށް ފުލުހުން ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް، ފުލުހުން އެއްވެސް ޖަވާބެއް ނުދޭތީ، ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި އަންހެނަކު ޖިންސު ބަދަލު ކުރި މައްސަލައާ ގުޅިގެން ޝެއިހު ހުސެއިން ރަޝީދު ވަނީ އެކަމަށް ހިތްވަރު ދެއްވައި، އެކަމާ ގުޅުން ހުރި ޚަބަރަކަށް ފޭސްބުކްގައި ކޮމެންޓް ކުރައްވައިފައެވެ. އަދި ޖިންސު ބަދަލު ކުރުން، ބައެއް ހާލާތްތަކުގައި ހުއްދަ ކަމަށް ބުނެ، ވެބްސައިޓެއްގައި ލިޔުމެއްވެސް ޝާއިއު ކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި މިރޭ ނޫސްވެރިއަކު ވަނީ، މުންކަރާތްތަކަށް ޝޭޚަކު ހިތްވަރު ދެއްވަމުންދާއިރު، އެއްވެސް ފިޔަވަޅެއް ނާޅަނީތޯ ސުވާލު ކޮށްފައެވެ. ނަމަވެސް ތަކުރާރުކޮށް އެކި ނޫސްވެރިން މިމައްސަލައިގައި ސުވާލު ކުރުމުން ފުލުހުން ވަނީ، މީގެ ކުރިންވެސް މިފަދަ ސުވާލުތައް އަމާޒުވުމުން އަމަލު ކުރާ ގޮތަށް، ހަނު ހުރެފައެވެ. ނޫސްވެރިންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އިސްލާމްދީނަށާއި، ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ރިޕޯޓް ލިޔުނު މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ، ފުލުހުން ނޫސްވެރިންނާ ދޮގު މައުލޫމާތު ހިއްސާ ކުރަމުންދާއިރު، އެމްޑީއެންގެ އެގްޒެކެޓިކް ޑައިރެކްޓަރު، ޝަހިންދާ އިސްމާއީލް މީގެ ކުރިން ވިދާޅުވީ ލާދީނީ ރިޕޯޓްގެ މައްސަލައިގައި ފުލުހުން އޭނާއާ ދުވަހަކުވެސް ސުވާލުވެސް ކޮށްފައި ނުވާ ކަމަށެވެ.

އެމްޑީއެންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން “އަސުރުން” ސުވާލު ކުރުމުންވެސް ފުލުހުންގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފަހަކަށް އައިސް މީސްމީޑިއާގައި އިސްލާމްދީނަށް ތައުހީނު ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ނުކުރާތީ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close