ހިޔާ ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން 14 ޖުލައިން 15 އޮގަސްޓަށް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 6720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން 14 ޖުލައިން 15 އޮގަސްޓަށް އޮންނާނެކަމަށް އެޗްޑީސީ އިން ހާމަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާނީ 14 ޖުލައިއިން ފެށިގެން 15 އޮގަސްޓާއި ހަމައަށް ކަމަށެވެ. އެގޮތުން އެކި ދުވަސްތަކުގައި އެކި ކެޓަގަރީތަކުގެ ފްލެޓްތަކުގެ ހައްގުވެރިންނާއި އެކު އެއެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހުޅުމާލޭގެ ހުރަވީ ސްކޫލްގެ ހޯލްގައި ކުރިއަށްދާނެއެވެ.
އެކުންފުނިން އިތުރަށް ބުނިގޮތުގައި ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރަން ތާވަލްކުރެވޭނީ، އެއްބަސްވުން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ ދެ ފޯމް ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށައަޅާ ފަރާތްތަކަށެވެ. އެޗްޑީސީން މީގެކުރިން ބުނެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތައްް ސޮއިކުރަމުންދާ މިންވަރަކަށް ތަޅުދަނޑިތައް ހަވާލުކުރެވެމުންދާނެއެވެ.
އެ ފްލެޓްތައް ދައްކާލުމުގެ ކަންކަން މިހާރު ކުރިއަށް އެބަގެންދެއެވެ. ފްލެޓްތަކުގެ ހައްގުވެރިން ފްލެޓަށް ވަނުމަށްފަހު އެތަނުގެ ފިނިޝިންގގެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.

