ކުޅިވަރު

ހިތްހަމަޖެހުމެއް ލިބެން އޮތީ މެސީގެ ކޮންޓްރެކް އާކުރެވިގެން – ކޫމަން

މިވަގުތު ބާސަލޯނާގެ ކޮންޓްރެކްޓް ހަމަވެފައިވާ ބާސާ އާއި އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ ގެ ކޮންޓްރެކްޓް ބާސަލޯނާއިން އާ ކުރާނެކަމުގެ ޔަޤިންކަން ބާސާގެ ރައީސް ލަޕޯޓާ ދިންނަމަވެސް މެސީގެ ކޮންޓްރެކްޓް އާކުރެވުމުން މެނުވީ ހިތްހަމަ ޖެހުމެއް ނެތްކަމަށް ބާސާގެ ކޯޗް  ރޮނާލްޑް ކޫމަން ބުނެފިއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ލިއޮނަލް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. މެސީ ލައްވައި އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ހުރިހާ ކަމެއް ނިންމާފައިވީ ނަމަވެސް އެކަމަށް އޮތް ހުރަހަކީ ބާސެލޯނާގެ ޖުމްލަ މުސާރަތައް އިންތިހާ އަށް ބޮޑުވެފައި އޮތުމެވެ. މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނީ ބާސެލޯނާ އިން ބޮޑު މުސާރަ ދޭ ބައެއް ކުޅުންތެރިން ދޫކޮށްލައިގެންނެވެ.

މިހެންކަމާއިއެކު ބާސާއިން މިހާރު ކުރިއަށް ގެންދަނީ މި މިސައްކަތްތައް ކަމަށް ބާސާގެ ރައީސްވަނީ ހާމަކުރައްވާފައެވެ. ކަންތައްތައް މިހެން އޮތްނަމަވެސް ކޫމަން ބުނިގޮތުގައި އޭނާއަށް ހިތްހަމަޖެހުމެއް ލިބޭނީ މެސީގެ ކޮންޓްރެކްޓް އައުކުރެވުމުންނެވެ. “އެކަމަކު އަހަންނަށް ހިތްހަމަޖެހުމެއް ލިބޭނީ މެސީ ކޮންޓްރެކްޓްގައި ސޮއިކުރުމުން،” ތަފްސީލް ދެމުން ކޫމަން ބުނެފައިވެއެވެ.

ބާސާގެ މުސްތަޤްބަލާ މެދު ވާހަކަ ދައްކަމުން ކޫމަން އިތުރަށް ފާހަގަ ކުރި ގޮތުގައި ބާސާއަށް ކުޅެމުން އަންނަ 18 އަހަރުގެ ޒުވާން މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ލައްވައި ސްޕެއިނުން އޮލިމްޕިކްސްގައި ކުޅުވުމަކީ ވެސް އެންމެ ރަނގަޅު ކަމެއްނޫނެވެ. އެހެނީ ޕެޑްރީވަނީ ވޭތުވެދިޔަ ސީޒަންގައި ބާސާ ކުޅުނު ގިނަމެޗުތަކެއްގެ އިތުރުން ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭނުން ކުޅުނު ހުރިހާ މެޗެއްގައިވެސް ފުލް 11 ގައި ހިމެނިގެން ކުޅެފައެވެ. މިހެންކަމުން ކިތަންމެ ޒުވާން ކުޅުންތެރިއަކަށް ވީނަމަވެސް ފުޓްބޯޅަ ކުޅުމުގައި އަރާމު ބޭނުންވާނެތީ ބުރޭކަށް މި ލިބޭ 2 މަސް ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް 2 މުބާރާތެއްގައި ކުޅުވުމަކީ ރަނގަޅުގޮތެއް ނޫންކަމުގައެވެ.

ކޫމަންގެ ޚިޔާލު މިގޮތަށް ހުރިކަމުގައި ވީނަމަވެސް ޕެޑްރީ ވަނީ އޭނާ އޮލިމްޕިކްސްގައި ކުޅެން ބޭނުންވާ ކަމަށާއި އެނބުރި ބާސެލޯނާ ޓީމާ ގުޅޭނީ ފުރިހަމަ އަށް އަރާމުކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.

ދުނިޔޭގައި ތަފާތު ކަންކޮޅުތަކުގައި ތިބި ބާސާގެ ސަޕޯރޓަރުން ވެސް އިންތިޒާރު ކުރަމުން ގެންދަނީ މިހާތަނަށް އެޓީމަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ މެސީގެ ކޮންޓްރެކްޓް އަލުން އާކުރެވިގެންދާނެ ދުވަހަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close