ނަފުރަތު ޢަމަލު މަނާކުރުމަށްކަމަށްބުނެ ހުށަހެޅި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި
ނަފްރަތުގެ ޢަމަލު ހުއްޓުވުމަށްކަމަށްބުނެ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވެރިކަން ކުރާ އެމްޑީޕީއިން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ބ.ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލުގައި ވާގޮތުން އަގީދާ އާއި ގުޅިގެން ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ. އަދި ހުށަހަޅާފައިވަނީ ޤާނޫލް އުޤޫބާތަށް ބަދަލުތަކެއް ގެނައުމަށެވެ. އެ ބިލް ކޮމިޓީއަށް ފޮނުވައި، ކޮމިޓީގެ ރިޕޯޓު އިއްވުމަށްފަހު ވޯޓަށް އަހަން ތައްޔާރު ވެފައިވަނިކޮށް މިހާރު އަލުން ކޮމިޓީއަށް ފޮނުވަން ނިންމުމުން މިއަދު ދެން އެ ބިލަށް ވޯޓަކަށް ނާހާނައެވެ.
ނާރެސްއަށް މައުލޫމާތު ލިބޭ ގޮތުގައި ބިލް ކޮމިޓީއަށް ފޮނުވަން ނިންމީ، ސިޔާސީ ޕާޓީތަކާއި ކަމާއި ބެހޭ އެހެން ފަރާތްތަކާއި އަލުން މަޝްވަރާ ކުރުމަށެވެ.
މި ބިލާއި މެދު ގިނަ ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބިލް ފާސްކޮށްފިނަމަ ދިވެހިރާއްޖޭގައި މުންކަރާތްތައް ނަހީ ކުރުމަކީ ޖިނާއީ ކުށަކަށް ވެގެންދާނެއެވެ.
ބިލަށް ހިޔާލާއި އިސްލާހު ހުށަހެޅި ހިއުމަން ރައިޓްސް ކޮމިޝަނުންނާއި، އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބިލު އޮތް ގޮތަށް ފާސް ނުކުރަން އިލްތިމާސްކޮށްފައެވެ.

