ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް، ވަރަށް ސާފު – ރައީސް މައުމޫނު
” ދިވެހިރާއްޖޭގެޙާލަތާއެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެނިޒާމަކީ ރިޔާސީނިޒާމުކަމަށާއި ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުންނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމުކަމަށާއި ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތްކަމަށާއި އެކަން ވަރަށްސާފުކަމަށް ” ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްޙޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ރޭގެ ވަގުތެއްގައި ކުލަބު ހައުސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންދަނީ އެކަމަށް ރައްދު ދެއްވާ ޓްވީޓުތައް ކުރައްވަމުންނެވެ.
ރޭ ކުރިޔަށްދިޔަ “އާސްކްސްޕީކަރ” މި ޕްރޮގުރާމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭއަށް ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވަމުންދާނެކަމަށާއި އެކަމުގައި އަޅުގަނޑާއިއެކު ރައީސް ޔާމީނުވެސް ހުންނަވާނެކަމަށެވެ.
އެހެނަސް ޕީ.ޕީ.އެމް ގައި މިވަގުތު އެންމެ އިސްވެރިއެއްގެ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނު ބޭނުންފުޅުވަނީ ރިޔާސީ ނިޒާމު ކަމަށާއި އެއީ ރައްޔިތުންގެ ނިންމުން ކަމަށްވާތީކަމަށެވެ. އަދި ރައީސް ޔާމީނު ތާޢީދު ކުރައްވާނެގޮތެއް ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.


