ހަރުކަށި ފިކުރު ފަތުރާކަމަށް ބުނާ މީހާގެ ބަންދަށް އަނެއްކާވެސް 8 ދުވަސް ޖަހައިފި
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި، މެއިމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭތީ މެއިމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރީ، 2007 ވަނަ އަހަރު ހިމަންދޫގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި ހއ.މޮޅަދޫ, ބަހާރުގޭ އަބްދުﷲ ޢަލި މަނިކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުރަތަމަ ކޯޓަށް ހާޒިރުކުރީ މެއިމަހުގެ 19 ވަނަ ދުވަހުގައެވެ. އެ ދުވަހުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވުމުން، ޖޫންމަހުގެ 3 ވަނަ ދުވަހު އިތުރު 15 ދުވަސްޖެހިއެވެ. އެއަށްފަހު ޖޫންމަހުގެ 18 ވަނަ ދުވަހުގައި ބަންދަށް އިތުރު 15 ދުވަސްޖެހިއެވެ.
އެ މުއްދަތު ހަމަވުމުން އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. މި ނޫހަށް މަޢުލޫމާތު ދެއްވަމުން އެ ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަބްދުﷲ ޢަލި މަނިކު ބަންދަށް އިތުރު 08 ދުވަސް ޖަހައިފައިވާ ކަމަށެވެ.



