ބޮޑުމޮޅަކާއިއެކު އިންގުލޭންޑު ސެމީއަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ކުއާޓާފައިނަލުގެ ފަހު މެޗުގައި ޔުކުރޭނާއި ބައްދަލުކޮށް 4-0 ގެ ބޮޑު ތަފާތަކުން މޮޅުވެ އިނގިރޭސިވިލާތް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ ވޭތުވެގެން މިދާ 25 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން ޔޫރޯގެ ސެމީ ފައިނަލްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތް އެންމެ ފަހުން ޔޫރޯގެ ސެމީގައި ކުޅެފައިވަނީ އެޤައުމުގައި ޔޫރޯ މުބާރާތް ބޭއްވި ފަހަރު 1996 އެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން އިނގިރޭސީން ވަނީ ޖަރުމަނު އަތުން ބަލިވެފަ އެވެ. އެހެންކަމުން މި މުބާރާތުގެ ސެމީއަށް ދަތުރު ކުރުމަކީ ހުރިހާ ގޮތަކުންވެސް އިނގިރޭސީންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިފަހަރުގެ ޔޫރޯގައި އިންގުލޭންޑުން ރަށުން ބޭރުގައި ކުޅުނު ފުރަތަމެޗުގައި ރޭ އެޓީމަށް ލަނޑުތައް ޖަހާދީފައި ވަނީ ކެޕްޓަން ހެރީކޭން 2 ލަނޑާއި، ހެރީ މެގުއާ އާއި އަދި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯޑަން ހެންޑަސަންއެވެ.
ރޭގެ މުޅި މެޗުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާ ގިނައިރު ބޯޅަގެންގުޅެފައި ވަނީ އިންގުލެންޑު ޓީމުންނެވެ. މުޅިން އަލަށް މި ފަދަ ބޮޑު މުބާރާތެއްގެ ކުއާޓާފައިނަލުގައި ކުޅުނު ޔުކުރޭނަށް ކައުންޓު އެޓޭކުގައިވެސް މާބޮޑު ނުރައްކަލެއް އިންގުލޭންޑު ޓީމުގެ ގޯލަށް ކުރެވިފައެއް ނުވެއެވެ.
ސެމީފައިބނަލުގައި މިމަހުގެ 7 ވަނަ ދުވަހު އިންގުލޭންޑު ބައްދަލުކުރާނީ ރޭ ކުޅެވުނު ކުއާޓާފައިނަލުގެ 3 ވަނަ މެޗުގައި ޗެކްރިޕަބުލިކު އަތުން 2-1ން މޮޅުވި ޑެންމާކު އާއިއެވެ.

