ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އިތުރު މަޢުލޫމާތު ދަނީ ލިބެމުން – ރައީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލައާއި ގުޅިގެން އިތުރު މަޢުލޫމާތުތައް ލިބެމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ 2 ދުވަސްކުރި އިތުރު އަޕްޑޭޓް ތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލިބުނު ކަމަށާއި، އެގޮތުން 8 ފަރާތެއްގެ ތަޙުޤީޤު ކުރިޔަށް ދާކަމަށާއި 4 ފަރާތެއްގެ ތަޙުޤީޤު ނިންމާ ޕީޖީ އަށް ވަރަށް އަވަހަށް ފޮނުވިގެންދާނެކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ބަލަމުންދާ ކަންކަން އިތުރަށް ބެލުމަށްފަހުގައި ދެން ހުރިކަންކަން ޙިއްސާކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ ކަންކަމުގެ ފައިނަލް ރިޕޯރޓް މިހާރު އޮތީ ނިމުމަކާ ހިސާބުގައި ކަމަށާއި އެ ރިޕޯރޓްވެސް ލިބުނީމަ އިސްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ، އެކަންކަން އިޞްލާޙުކުރަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން މިހާރު ގެންދަވަނީ ޖަރުމަނުގައި އިތުރުފަރުވާ ހޯއްދަވަމުންނެވެ.

