ޙޫރުލްޢީނުން (ސާދަވަނަބައި) – އެންމެ ފުރިހަމަ އެންމެ ލޯބިދޭ އަނބީން
އެގޮތުން، އައް ދުޚާން ސޫރަތުގެ 54 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ ﴿٥٤﴾
މާނައީ ” (ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ. “
އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވާގޮތުގައި، “މިއާޔަތުގައި އެވަނީ، ޙޫރުލް ޢީނުންނާއި މުއުމިނުންގެ ކައިވެނީގެ އަގުދުގެ ވާހަކައެއް ނޫނެވެ. އެކަމަކު، އެއާޔަތުގައި އެވަނީ، ﷲ ތަޢާލާ ޙޫރުލް ޢީނުން، އެކަނބަލުންގެ ފިރިންނަށްޓަކައި ފުރިހަމައަށް ގުޅޭ، ހެޔޮވަރުގެ ބައެއްކަމުގައި ލައްވާނެކަމެވެ. އެއީ، އެއްފައިގެ ފައިވާން ޖޯޑެއްގެ އެއްކިބައާއި، އަނެއް ކިބަ ހެޔޮވަރުވާ ގޮތަށެވެ.”
” ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ތަޢާލާ ގެ ވަޙީބަސްފުޅު (ޒުމަރު ސޫރަތުގެ 73 ވަނައާޔަތް) وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ﴿٧٣﴾ މާނައީ ” އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!”
ދެން ޙަދީޘް ކުރެއްވިއެވެ. އަދި ރައްކާކުރެވިގެންވާ މުތްތަކެއް ފަދައިންވާ އަދި އުކާލެވިގެންވާ މުތްތަކެއް ފަދައިންވާ، ޒުވާން ފިރިހެން ކުދިންވެސް އެމީހުންނާއި ބައްދަލުކޮށް މަރުޙަބާ ކިޔާނެއެވެ. އަދި ﷲ ތަޢާލާ، އެމީހުންނަށް ތައްޔާރުކުރައްވާފައިވާ ތަކެތީގެ ޚަބަރު ދޭނެއެވެ. އަދި އެމީހުންނަށް ޚިދުމަތްކުރުމަށްޓަކައި، ވަށައިގެން އެކުދިންތައް އުޅޭނެއެވެ. އެއީ ދުނިޔޭގައި ކުދީން، އާތްއެކުވެރިއެއްގެ ގާތުގައި ވަށައިގެން އުޅޭ ފަދައިންނެވެ. އެ ޒުވާން ކުދިންތައް އައިސް ބުނާނެއެވެ. ” އުފާކުރާށެވެ. ﷲ ތަޢާލާ ތިބާއަށްވަނީ އެވެނި މިވެނި އެއްޗެއް ތައްޔާރުކުރައްވާފައިވެއެވެ.” ދެން އޭނާގެ އަނބީންގެ ތެރެއިން އަނބެއްގެ ގާތަށް، އެއިގެ ތެރެއިން ކުއްޖަކުގޮސް ބުނާނެއެވެ. ” އެވެނި މީހަކު އަތުވެއްޖެއެވެ.” ދުނިޔޭގައި އޭނާއަށް ބޭނުންކުރި ނަމުންނެވެ. ދެން އެއަންހެނާ އުފަލުން ފޮޅިގެންވާ ޙާލު، ދޮރުމަތީ އެފުލިގެންވާ ބައަކަށް އަރާހުންނާނެއެވެ. އަދި ބުނާނެއެވެ. “ތިބާއަށް ހަމަރަނގަޅަށްވެސް، އޭނާ ހަމަފެނުނު ހެއްޔެވެ؟”
[قال البوصري رحمه الله: رواه ابن إسحاق يا سناده صحيح وحكمه حكم المرفوع إذ ليس للرأي فيه مجال – إتحاف الخيرة المهرة: 464/10]
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِنَّ أَدْنَى أَهْلِ الْجَنَّةِ مَنْزِلَةً رَجُلٌ……. فذكر الحديث إلى أن …….. قَالَ – ثُمَّ يَدْخُلُ بَيْتَهُ فَتَدْخُلُ عَلَيْهِ زَوْجَتَاهُ مِنَ الْحُورِ الْعِينِ فَتَقُولاَنِ الْحَمْدُ لِلَّهِ الَّذِي أَحْيَاكَ لَنَا وَأَحْيَانَا لَكَ – قَالَ – فَيَقُولُ مَا أُعْطِيَ أَحَدٌ مِثْلَ مَا أُعْطِيتُ ”
މާނައީ ” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ހަމަކަށަވަރުން، ޖަންނަތުގެ އެންމެ ދަށުދަރަޖައިގައިވާ މީހަކީ…….. ދެން ޙަދީޘްގެ ފަހުބައި ޛިކުރު ކުރެއްވިއެވެ. ” ދެން އޭނާ، އޭނާގެ ގެއަށް ވަންނާނެއެވެ. އަދި ޙޫރުލް ޢީނުންގެ ތެރެއިން އޭނާގެ ދެ އަނބީން، އޭނާގެ ގާތަށް ވަންނާނެއެވެ. އަދި އެދެ އަންހެނުން ބުނާނެއެވެ. “ތިބާ އަހަރެމެންނަށްޓަކައި ދިރުންލެއްވި، އަދި އަހަރެމެން ތިބާއަށްޓަކައި ދިރުންލެއްވި ﷲ ތަޢާލާއަށް ޙަމްދު ހުއްޓެވެ.” އެހިނދު އޭނާ ބުނާނެއެވެ. “އަހުރެންނަށް ލިބުނުފަދަ ނިޢުމަތެއް އެހެން މީހަކަށް ނުލިބެއެވެ.” (ޞަޙީޙް މުސްލިމް 188)
(ނުނިމޭ)