ދީން

ޖަންނަތް ހޯދުމަށްޓަކައި އުފުލަންޖެހޭ ބުރައާއި ދިމާވާނެ އުނދަގޫތައް

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ ‏”‏‏.‏

(ޞަޙީޙުލް ބުޚާރީ – 6487)

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. އަދި ޖަންނަތް ވަށާލެވިގެންވަނީ، ހިތްނޭދޭ، ބުރަ އުނދަގޫ ކަންތަކުންނެވެ.”

ޖަންނަތައް ދެވޭނެ މަގުވަނީ އުނދަގޫ ކަންތައްތަކުން ފުރިފައެވެ. މީހާ، ﷲ ތަޢާލާއަށް އަޅުކަންކޮށް، ނަމާދު ޤާއިމުކޮށް، މުދަލުން ހޭދަކޮށް، ޙަލާލުތަކެތި މެނުވީ ނުކައި، އަދިވެސް އެހެނިހެން ވާޖިބުތައް އަދާކުރަންޖެހެއެވެ. ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި އޭނާގެ އެދުންތަކާއި ދެކޮޅަށް މަސައްކަތްކުރަން ޖެހެއެވެ. އަނެއްކޮޅުން، ނަފްސު އެދޭހައިކަމެއް ފުއްދައިގެން، ވަރަށް ފަސޭހައިން ނަރަކައަށް ދެވިދާނެއެވެ. ބުއްދިވެރިއަކީ، މިދުނިޔޭގެ ވަޤުތީ ބުރަތަކާއި އުނދަގޫތައް އުފުލައިގެން ނިމުމެއްނުވާ އަރާމާއި އުފާތައް އާޚިރަތުގައި ހޯދަން މަސައްކަތްކުރާ މީހާއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ﷲ ތަޢާލާ ޖަންނަތާއި ނަރަކަ އުފެއްދެވި ހިނދު، ޖިބްރީލުގެފާނު ޖަންނަތައް ފޮނުއްވެވިއެވެ. ވަޙީކުރެއްވިއެވެ. ” ތިމަންއިލާހު އެތަނުގެ އަހުލުވެރީންނަށް ތައްޔާރުކުރައްވާފައިވާ ތަކެތި ބަލާށެވެ.” ދެން ޖިބްރީލުގެފާނު ބެއްލެވުމަށްފަހު އެނބުރި ވަޑައިގެން ދެންނެވިއެވެ. “އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނަމެވެ. އެތަނުގެ ވާހަކަ އަޑުއަހައިފި މީހަކު އެތަނަށް ވަންނާނެއެވެ.” ދެން ﷲ އަމުރު ކުރެއްވުމުން، ޖަންނަތް އެންމެހާ ހިތްނޭދޭހާ ބުރަތަކުން ވަށާލެވުނެވެ. އަދި ވަޙީކުރެއްވިއެވެ. “އެތަނަށް ބަލާށެވެ. އަދި އެތަނުގައި އެތަނުގެ އަހުލުވެރީންނަށް ތިމަން އިލާހު ތައްޔާރު ކުރައްވާފައިވާ ތަކެތި ބަލާށެވެ.” ދެން ޖިބްރީލުގެފާނު ވަޑައިގެންނެވިއިރު، އެތަން ހިތް ނުރުހޭ ކަންތަކުން ވަށާލެވިގެންވާތަން ފެނުނެވެ. ދެން އެނބުރި ވަޑައިގެން ދެންނެވިއެވެ. “އިބައިލާހު ޢިއްޒަތްގަންދީ ބުނަމެވެ. އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެކަމަށް އިމަންކަލޭގެފާނު ބިރުގަންނަމެވެ.” ދެން ވަޙީކުރެއްވިއެވެ. “ނަރަކައަށް ގޮސް ތިމަން އިލާހު އެތަނުގައި އެތަނުގެ އަހުލުވެރީންނަށް ތައްޔާރު ކުރައްވާފައިވާ ތަކެތި ބަލާބަލާށެވެ.” ދެން އެކަލޭގެފާނު އެތަނަށް ވަޑައިގެން ބެއްލެވިއެވެ. އެއިރު އެއިގެ އެއްބައި އަނެއްބައި ދުއްވަމުން ދެއެވެ. އެކަލޭގެފާނު އެނބުރިވަޑައިގެން ދެންނެވިއެވެ. ” އިބައިލާހުގެ ޢިއްޒަތްގަންދީ ބުނަމެވެ. އެތަނުގެ ވާހަކަ އަޑުއަހައިފި މީހަކު، އެތަނަކަށް ނުވަންނާނެއެވެ.” ދެން އެކަލާނގެ އަމުރުކުރެއްވުމުން، ހިތްއެދޭ ޝަހުވަތްތައް އޭތި ވަށައިލިއެވެ. ދެން ޖިބްރީލުގެފާނު ބައްލަވާފައި، އެނބުރިވަޑައިގެން ދެންނެވިއެވެ. “އިބައިލާހު ޢިއްޒަތްގަންދީ ބުނަމެވެ. އެތަނުން އެއްވެސް މީހަކު ސަލާމަތްނުވާނެކަމަށް ތިމަންކަލޭގެފާނު ބިރުގަންނަމެވެ.”

(رواه أحمد وقال ابن كثير رحمه الله: إسناد صحيح – صفة الجنة لابن كثير: 190 – ورواه الترمذي وقال رحمه الله: حسن  صحيح – الترمذي:692/4 – وقال الحافظ ابن حجر رحمه الله: إسناد قوي – فتح الباري: 320/6)

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ބިރުގަންނަމީހާ، ރޭގަނޑުގެ ފުރަތަމަ ބައިގައި ދަތުރުކުރާނެއެވެ. އަދި ރޭގަނޑުގެ ފުރަތަމަ ބައިގައި ދަތުރުކުރި މީހާ މަންޒިލަށް ފޯރާނެއެވެ. ދަންނާށެވެ. ﷲ ގެ ވިޔަފާރި މުދަލުގެ އަގު ބޮޑުވެގެންވެއެވެ. ދަންނާށެވެ. ﷲ ގެ ވިޔަފާރި މުދަލަކީ ޖަންނަތެވެ.”

(رواه الترمذي وقال: حديث حسن غريب – الترمذي: 633/4 – وصححه الحاكم وأقره الذهبي – المستدرك – 308/4)

މިޙަދީޘްގެ މާނައަކީ، މީހަކުގެ އަގުބޮޑު މުދަލެއް ގެއްލިގެންދާނެކަމަށް ބިރުހީވެއްޖެ މީހާ، އޭނާ އުނދަގުލާއި ބުރަ އުފުލައިގެން އެރައްކާތެރިކުރުމަށް މަސައްކަތްކުރެއެވެ. ކަށަވަރުންވެސް، މުއުމިނާގެ ނަޒަރުގައި އެންމެ އަގުހުރި އެއްޗަކަށްވާނީ ﷲ ގެ ރުއްސެވުމާއި އާޚިރަތުގައި ޖަންނަތް ލިބުމެވެ. އެހެންކަމުން، އާޚިރަތަށް ދަތުރުކުރަމުންދާ މީހާ، ﷲ ގެ އަމުރުތަކަށް ކިޔަމަންވުމަށްޓަކައި ނަފްސުގެ އެދުންތަކާއި ދުނިޔަވީ އަރާމު ޤުރުބާންކުރަންޖެހެއެވެ. ފަހެ، ދުނިޔޭގައި އަރާމު ރަގަޅު ޙަޔާތެއް ބިނާކުރުމަށްޓަކައި، މީހާގެ މުދަލާއި ވަޤުތު ޤުރުބާންކޮށް، ބުރަ އުފުލަމުންދާއިރު، އާޚިރަތަށްޓަކައި ދާއިމީ ޙަޔާތަށްޓަކައި ޤުރުބާންކުރަން ޖެހޭ މިންވަރު މާ އަގުބޮޑުވެގެންވާނެ ނޫންހެއްޔެވެ؟

[ރިފަރެންސް: ޢަބްދުﷲ ނަނާ ލިޔުއްވާފައިވާ “ޙޫރުލްޢީނުން” މިފޮތުން ނެގިފައި]

މިވެސް ބަލާ
Close