“އަހަރެން ފާފައެއް ނުކުރަން” ދެން ކީއްވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރަންވީ؟ (އެއްވަނަބައި)
އިއްވެސް އަދި މިއަދުވެސް ” އަހަރެން ފާފައެއް ނުކުރަން ” ދެން ކީއްވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރަންވީ ؟ މިއީ ވަރަށް ގިނަ އަޚުންނާއި އުޚުތުންގެ ހިތު ތެރޭގައި ދައުރުވަމުންދާ ސުވާލެކެވެ. އަދި އެކަމުގެ ސަބަބުން “އިސްތިޣުފާރު” (ފާފަފުއްސެވުމަށް އެދި ދެންނެވުން) ފަދަ މާތް އަޅުކަންތައް ކުރުމަށް ފަރުވާކުޑަކުރެވި ދުޢާކުރުމަށްވެސް ޣާފިލުވެގެންދާ ކަމެކެވެ.
ރަނގަޅެވެ. ދުވަހެއް ނިމިގެންދާއިރު ތިބާއަށް އެނގިހުރެ ފާފައެއް ނުކުރެވި ހިނގައިދާނެއެވެ. އެހެނަސް ތިބާއަށް ނޭންގި ކުރެވޭ އެތައް އެތައް ފާފައެއް ވާކަންވެސް ދަންނަން ޖެހޭނެއެވެ. ފާފައޭ ކިޔަނީ ހަމައެކަނި ޒިނޭ ކުރުމާއި ރާބުއިމާއި މީހުން މެރުމާއި ނުވަތަ މިނޫންވެސް އެފަދަ ކަންކަމަށް އެކަންޏެއް ނޫނެވެ. ދުވަހެއް ނިމިގެންދާއިރު، ތިބާ މިފަދަ ޢަމަލެއް ނުވަތަ އެނޫންވެސް ފާފައެއްކަމަށް ބެލެވޭ ޢަމަލެއް ނުކޮށް ހުރެވުނުކަން އެއީ ވަރަށްބޮޑު ނިޢުމަތަކާއި އުފަލެކެވެ.
އެނގިހުރެ ކުރެވޭ ފާފައަށްވުރެ، ނޭންގި ކުރެވޭ ފާފަތައް ގިނަވާނެއެވެ. ޚާއްޞަކޮށް ކުދި ފާފަތަކެވެ. ޝައިޠާނާ ކޮންމެސް ގޮތަކުން ތިބާ ކުށުގެ ތެރެއަށް ގެއްލުވާލަން މަސައްކަތްކުރާކަން އަބަދުވެސް ދަންނަންޖެހޭނެއެވެ. މަގުމަތީގައި ހިނގާފައި ދަމުން ފެންނަ މަންޒަރަކުން، ދެވަނަ ފަހަރަށް އެ މަންޒަރަށް ބަލާލެވޭ ބަލާލެވުމަކީވެސް ފާފައަކަށް ވެގެންދާއިރު އެގޮތަށް ކިތައް ފާފަ ކުރެވޭނެ ބާވައެވެ.
ދާއިމީކޮށް ކުރަމުން އައި ހެޔޮޢަމަލަކަށް ނުވަތަ ޢަމަލުތަކަކަށް ފަރުވާކުޑަވެގެން ދިއުމަކީވެސް، “އިސްތިޣުފާރު” ކުރުން މުހިންމުވެގެންދާ ސަބަބެކެވެ. އަޅުކަންތައް އަދާކުރަމުންދާއިރު، ދޭންވާ ސަމާލުކަމާއި އަޅުކަމުގައި ގެންނަންޖެހޭ ޚުޝޫޢަތްތެރިކަން ގެނެސްނުގަނެވުމަކީވެސް، “އިސްތިޣުފާރު” ކުރުން މުހިންމުވެގެންދާ ސަބަބެކެވެ.
ﷲ ތަޢާލާ އިންސާނުން ޚަލްޤު ކުރައްވާފައިވަނީ ފާފަ ކުރެވޭ ބައެއްގެ ގޮތުގައެވެ. މާތް ނަބިއްޔާ ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
كُلُّ بَنِي آدَمَ خَطَّاءٌ, وَخَيْرُ اَلْخَطَّائِينَ اَلتَّوَّابُونَ
މާނައީ ” ކޮންމެ އާދަމުގެ ދަރިޔަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެންމެ ރަނގަޅު މީހަކީ، ފާފައެއް ކުރެވުމުން އެކަމުން ތައުބާވެގަންނަ މީހާއެވެ.”(1)
މި ޙަދީޘާއިމެދު ނުބައިކޮށް ނުވިސްނުން ހުއްޓެވެ. މިއީ ފާފަކުރުމަށް ބާރުއަޅާ ޙަދީޘެއް ނޫނެވެ. މި ޙަދީޘުން ދޭހަކޮށްދެނީ އާދަމުގެ ދަރިންނަކީ ފާފަ ކުރެވޭނެ ބައެއްކަމާއި އެންމެ ރަނގަޅު މީހަކީ ފާފައެއް ކުރެވުމުން އަވަހަށް ތައުބާވާ މީހާކަމެވެ.
މި ޙަދީޘަށް ބަލާއިރުގައިވެސް ފާފަކުރެވުމަކީ އިންސާނާގެ ޠަބީޢަތުގައި ހުންނަކަމެއްކަން އެނގިގެންދެއެވެ. އަނެއްކޮޅުން ފާފައެއް ކުރެވުމުން އަވަހަށް އެ ފާފައަކުން ތައުބާވެ ގަންނަ މީހުންނަކީ އެންމެ ރަނގަޅު މީހުންކަންވެސް އެނގިގެންދެއެވެ. ﷲ ތަޢާލާ ގިނަގިނައިން ތައުބާވާ މީހުންނާއިމެދު ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ – البقرة – 222
“ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެއިލާހު ލޯބިވެވޮޑިގެންވެއެވެ.”
(1)أَخْرَجَهُاَلتِّرْمِذِيُّ, وَابْنُمَاجَهْ, وَسَنَدُهُقَوِيٌّ. ((حسن.رواهالترمذي (2499)،وابنماجه (2451).))
(ނުނިމޭ)
