ޙޫރުލްޢީނުން (ދިހަވަނަބައި)– ޖަންނަތުގެ އަންހެނުންގެ ރީތިކަން (2)
ޢަތާ އައްސަލަމީ ރަޙިމަހުﷲ މާލިކު ބިން ދީނާރު ރަޙިމަހުﷲ އަށް ވިދާޅުވިއެވެ. “ކަށަވަރުންވެސް، ޖަންނަތުގެ އަހުލުވެރީން އެޙޫރަކަށްޓަކައި ފަޚުރުވެރިވާ އޭނާގެ ރީތިކަމުގެ ވާހަކަ ދައްކާނޭ ޚާއްޞަ ޙޫރެއް ޖަންނަތުގައި ވާނެއެވެ. ފަހެ ﷲ ތަޢާލާ، ޖަންނަތުގެ އަހުލުވެރީން މަރުވުމުން ނަޙީކުރައްވާފައި ނުވިއްޔާ، އެއަންހެނާގެ ރީތިކަމުގެ ސަބަބުން އެމީހުން މަރުވެގެން ދިޔައީހެވެ.” (ހާދީ އަލް އަރްވާޙް 277)
އެއްފަހަރަކު، ޙާކިމް ރަޙިމަހުﷲ އާއި މީހަކު ބައްދަލުވެގެން ސުވާލުކުރެއްވިއެވެ. “ޙޫރުންނަށްޓަކައި ތިބާގެ އެއްވެސް ޝަޢުޤުވެރިކަމެއް، އެދުންވެރިކަމެއް ވޭހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “ނޫނެކެވެ.” ޙާކިމް ރަޙިމަހުﷲ އެމީހާއަށް ވިދާޅުވިއެވެ. “ތިބާ އެމީހުންނަށް އެދުންވެރިވާށެވެ! އެހެނީ، އެއަންހެނުންގެ މޫނުތަކުގައިވާ އަލިކަމަކީ، ﷲ ތަޢާލާގެ ނޫރުފުޅުން ލެވިފައިވާ އަލިކަމެކެވެ.” އެހިނދު އެމީހާ ހޭނެތިގެން ބިންމައްޗަށް ވެއްޓި ގެއަށް ގެންދެވުނެވެ. މިޙާދިސާ ރިވާކުރެއްވި ރާވީ ވިދާޅުވާ ގޮތުގައި، އަހަރެމެން އޭނާގެ ގެއަށް މަސްދުވަސް ވަންދެން އޭނާގެ ޙާލުބަލައި، ހިތްހަމަ ޖައްސައިދިނުމަށްޓަކައި ޒިޔާރަތް ކުރީމެވެ.”
އިބްނު އަބިއްދުންޏާ ރަޙިމަހުﷲ، ޔަޒީދު އައްރަޤާޝީ ރަޙިމަހުﷲ ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ. “އަހަރެންނަށް އަޑުއިވިފައިވަނީ، ޖަންނަތުގައި އައްޔެއް ފައުޅުވެ، ޖަންނަތުގެ ހުރިހައި ދިމާލަކުން އަލިވެގެން ދާނެކަމެވެ. އެހިނދު މީހަކު އަހާނެއެވެ. “މިއީ ކޮންތާކުން ފައުޅުވި އަލިކަމެއް ހެއްޔެވެ؟” އެހިނދު ބުނެވޭނެއެވެ. “މިއީ ޙޫރެއް އޭނާގެ ފިރިމީހާއަށް ހިނިތުންވުމުން (ފާޅުވި އަލިކަމެކެވެ.)” މިބަސްފުޅު ރިވާކުރެއްވި ޞާލިޙު ރަޙިމަހުﷲ ވިދާޅުވިގޮތުގައި، އެހިނދު އެތަނުގައި އެއްވެފައިއޮތް ޖަމާޢަތުގެ ކަނުން މީހަކު ހަޅޭއްލަވަން ފެށިއެވެ. އަދި އޭނާ މަރުވަންދެން ހަޅޭއްލަވަމުން ގެންދިޔައެވެ.” (ހާދީ އަލް އަރްވާޙް 277)
ޖަންނަތުގެ އަންހެނުންގެ މޫނުތަކުގެ ރީތިކަން
އައްރަޙުމާން ސޫރަތުގެ 70 އިން 71 ވަނަ އާޔަތަށް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فِيهِنَّ خَيْرَاتٌ حِسَانٌ ﴿٧٠﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٧١﴾
މާނައީ ” ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ. (70) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (71) “
ފަހެ، އިންސާނާއަށް ރީތިކަމަކީ ކޮބައިކަން އޭނާއަށް ވިސްނެނީ އޭނާއަށް ލިބިގެންވާ އުނި ސިކުނޑިއަށް ވިސްނޭ މަދު ޢިލްމަކަށް ބަލާފައެވެ. ފަހެ، ހުރިހައި ޢިލްމަކާއި، ޙިކުމަތެއް ލިބިގެންވާ ﷲ ތަޢާލާ ވަނީ، އެއަންހެނުންނަކީ ރީތިބައެއް ކަމުގައި ޞިފަކުރައްވާ އަންގަވާފައެވެ. އެހެންވެއްޖެއްޔާ އެއަންހެނުންގެ ރީތިކަމަކީ ކިހާވަރެއްގެ ރީތިކަމެއްކަން އަހަރެމެންނަށް ތަޞައްވުރު ކުރެވޭނެތެވެ!
(ނުނިމޭ)
