ސެކިއުލާރ ބިލު ބަލައިގަތުމަށް ފާސްވިޔަސް އަޑު އުފުލުން ހުއްޓާނުލާތި – ޝައިޚް ސާޖިދު
ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވީނަމަވެސް، އެ ބިލާ ދެކޮޅަށް އަޑު އުފުލުން ހުއްޓާނުލުމަށް އައްޝައިޚް ސާޖިދު މުޙައްމަދު ގޮވާލައްވައިފިއެވެ.
” އެ ބިލު އެވަނީ މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައި! އެބިލުގައި ޤާނޫނީ ސިފަ ޖެހުމުގެ މަރުޙަލާ އަދިވެސް އޮތީ ކުރިއަށް! ބިލާދެކޮޅު ހަދައިގެން ނަތީޖާ ނެރެވިދާނެ! އިންޝާ ﷲ ” އައްޝައިޚް ސާޖިދު މުޙައްމަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
މި ބިލްގައިވާގޮތުން އިސްލާމް ދީނާއި ޚިލާފު ވާހަކަދައްކާ މީހުންގެ ވާހަކަތައް ދައްކާ ހެދުމަކީ ޤާނޫނީ ކުށެކެވެ. އަދި މިބިލްގެ ސަބަބުން އިސްލާމް ދީނާއި ޚިލާފު ވާހަކަދައްކާ މީހުން ޤާނޫނެއްގެ ދަށުން ހިމާޔަތް ކުރެވި، އެފަދަ މީހުންނަށް އެފަދަ ވާހަކަތައް ދެއްކުމުގެ އިތުރަށް ތަނަވަސް ވެގެންދެއެވެ.
އަދި އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ މުންކަރާތްތައް ނަހީކުރުމުގެ ދައުރު ވަރަށްބޮޑަށް ހަނިވެގެން ދާނެކަމަށްވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިން ދަނީ ކެނޑި ނޭޅި ގޮވާލަމުންނެވެ.
މި ބިލާއިދެކޮޅަށް ރާއްޖޭގެ ކައުންސިލުތަކުންވެސް ދަނީ ބަޔާން ނެރެމުންނެވެ.
