ނުވަ އަހަރަށްފަހު ޔޫރޯގައި ޗެކްރިޕަބުލިކަށް މޮޅެއް
ޕެޓްރިކް ޝިކް ކާމިޔާބު ކުރި އާދަޔާހިލާފް މޮޅު ލަނޑާ އެކު، ނުވައަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެކް ރިޕަބްލިކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗަކުން މޮޅުވެއްޖެއެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކުން ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެފައި މިވަނީ ސްކޮޓްލޭންޑާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގެ ތަރިއަކަށް ވެގެން ގޮސްފައިވަނީ އެޓީމަށް ދެގޯލުވެސް ކާމިޔާބުކޮށްދިން ޕެޓްރިކް ޝިކްއެވެ.
މިއަދުގެ މެޗުގައި ޝިކް ކާމިޔާބުކޮށްދިން ދެ ވަނަ ލަނޑަކީ ޔޫރޯގެ 61 އަހަރުވީ ދިގު މާޒީއަށް ބަލާއިރުވެސް އެންމެ މޮޅު ލަނޑުތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެކެވެ. މެޗުގެ 52 ވަނަ މިނެޓްގައި، ޝިކު މިލަނޑު ކާމިޔާބުކޮށްދީފައި ވަނީ ސްކޮޓްލޭންޑުގެ ގޯލްކީޕަރ ޑޭވިޑް މާޝަލް ގޯލް އޭރިއާ ދޫކޮށް ކުރިއަށް ނުކުމެ ހުރިވަގުތެއްގައި ޗެކްގެ ހާފުގެ ތެރޭގައި ހުރެފައި އެޓީމުގެ ޓޮމާސް ޝޫޗެކް ދިން ބޯޅައެއް ހިފައިގެން ސްކޮޓްލެންޑުގެ ހާފުގެ ތެރެއަށް ވަދެ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިބޯޅަ ހުއްޓުވުމަށް ކީޕަރު މާޝަލްއަށް ގޯލައާ ހަމައަށް ދެވުނުއިރު އެ ބޯޅަ އޮތީ އޭނާގެ ބޯމަތިންގޮސް ގޯލްގެ ތެރެއަށް ވަދެފަ އެވެ.
ސްކޮޓްލޭންޑްގެ ގްލާސްގޯގެ ހެމްޓްޑަން ޕާކްގައި ކުޅުނު މެޗުގައި ޗެކް ރިޕަބްލިކުގެ ފުރަތަމަ ލަނޑުޝިކު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވްލަޑްމިއާ ސޮފޯލް ނެގި ކޯނަރު ބޮލުން ވައްދާލައިގެންނެވެ. މި މެޗުގައި ސްކޮޓުލެންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނު ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި ޗެކްގެ ކީޕަރ ކީޕަރު ޓޯމަސް ވެސެލިކް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.


