ފޭސްބުކުން ސްމާޓްވޮޗެއް ނެރެން ތައްޔާރު ވެއްޖެ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކުން އެމީހުންގެ ފުރަތަމަ ސްމާޓްވޮޗް އަންނަ ފިނިމޫސުމުގެ ކުރިން ނެރުމަށް ތައްޔާރުވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ފޭސްބުކުން ރަސްމީކޮށް އެވާހަކަތައް އަދި ތިލަކޮށްދީފައިނުވިޔަސް ފޭސްބުކުން ސްމާޓްވޮޗް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އަންނަ ފިނިމޫސުމުގެ ކުރިން ނެރުމަށް ތައްޔާރުވަމުން އަންނަކަން ވަނީ އިތުބާރުހުރި ނޫސްތަކުން ކަށަވަރު ކޮށްދީފައެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ މި މަސައްކަތް މާކް ޒުކަބާގްގެ ކުންފުނިން ކުރިއަށް ގެންދަނީ ވަރަށް ސިއްރިޔާތުގައި ކަމަށާއި ނެރުމާ ވަރަށް ގާތްކޮށްފައި ނޫނީ ސްމާޓްވޮޗާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަނުކުރަން ވަނީ ނިންމާފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ފޭސްބުކްގެ ސްމާޓްވޮޗަކީ ބާޒާރުގައި މިހާރު ލިބެން ހުރި ސްމާޓްވޮޗްތަކާ އެއްގޮތަށް ފިޓްނެސް/ހެލްތު އަށް ހާއްސަ ފީޗާތަކުގެ އިތުރުން މެސެޖިންއާ އެކު ދެ ކެމެރާވެސް ހިމެނޭގޮތުން އެހެން ގިނަ އިތުރު އާ ފީޗާތަކެއް ވެސް ހިމެނެނޭ އެންޑްރޮއިޑް-ބޭސްޑް ސްމާޓްވޮޗެކެވެ.
ފޭސްބުކް ސްމާޓްވޮޗްގެ އެންމެ ޚާއްޞަ އެއްކަމަކީ ވީޑިއޯކޯލް ކުރުމެވެ. އަދި ހަމައެހެންމެ ފޮޓޯ ނެގުމަށްފަހު ފޯނު މެދުވެރިނުކޮށް ވަގުތުން ފޭސްބުކަށް ޝެއަރ ކޮށްލެވޭނެއެވެ. މީގެއިތުރުން ލޭގެ ޕްރެޝަރ ބެލުމާއި، ވިންދުބެލުން ފަދަ ކަންކަން އެ ސްމާޓްވޮޗްގައި ހިމެނޭނެކަމަށް ވެއެވެ.
ފޭސްބުކަކީ މިހާރު ވެސް އެ ކުންފުނީގެ ދަށުން ހިންގާ އޮކިއުލަންސް އިން ވާޗުއަލް ރިއަލިޓީ (ވީއާރް) ސްމާޓް ޑިވައިސްތައް ނެރޭ ކުންފުންޏެކެވެ. އަދި އިޓަލީގެ އައިނު ކުންފުނި ރޭ-ބަންއާ ގުޅިގެން ސްމާޓް އައިނު ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މިއީ “ޕްރޮޖެކްޓް އާރިއާ” ގެ ނަމުގައި ފަށާފައިވާ އަގްމެންޓް ރިއަލިޓީ (އޭއާރް) އިނިޝިއޭޓިވްގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.
ފޭސްބުކުން ވީއާރް އާއި އޭއާރް ފުޅާކޮށް ތަރައްގީކުރަން މަސައްކަތްކުރަމުން އަންނަ އިރު އެ ދާއިރާގައި މަސައްކަތްކުރާ އެ ކުންފުނީގެ އަދަދު މިހާރު 6،000 އަށް ވުރެ ގިނަ އެވެ.
މީގެ 17 އަހަރު ކުރިން އުފަންވި ފޭސްބުކްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު މިހާރު 52,530 އަށް ވުރެ ގިނަ ކަމަށް މީޑިއާރިޕޯޓްތައް ބުނެއެވެ.

